English Edition
Dhivehi Edition

މިދިޔަ އަހަރު ސަރުކާރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، މިހާތަނަށް 27 ބިލެއް ފާސްކޮށްދެއްވާފައިވާކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު ދަންނަވައިފިއެވެ.

ނިމިގެން ދިޔަ 2019 ވަނަ އަހަރަކީ ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ދެއްކި މިޞްރާބަށް ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ބައިވެރިޔަކީ ރައްޔިތުންގެ މަޖިލީސްކަމުގައެވެ. އަދި މިއަދު މިދެކޭ އިޖުތިމާޢީ ޞުލްޙަވެރިކަމުގެ ޙަޤީޤީ ސިއްރަކީ، ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނެވުންކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއްކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ. އަދި ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ކޮންމެ ބާރެއްވެސް ދުސްތޫރީ އިމުގެ ތެރޭގައި އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށްވުރެ އިތުރުވެގެންދާނެކަމަށެވެ.

މިއަހަރު ސަރުކާރުން މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާ ބިލްތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ރައީސް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ. އެއީ، މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާ ބެހޭ 24 ބިލެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.