މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާނުދާރީވަމުން މިއަދު ބުނެފިއެވެ.
އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވަމުން އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ, ރިޔާސީ ބަޔާން ވާންވާނީ އެއްވެސް ފޮރުވުމެއް ނެތި ސަރީހަކޮށް ގައުމުގެ ހާލަތު މަޖީހަށް އިއްވާ ބަޔާނަކަށްކަމަށެވެ.
“އެހެން ނަމަވެސް ހިތާމައާއެކު ކަންބޮޑުވުމާއެކު ދަންނަވާނީ, ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއެކު ބަޔާންކޮށްފައިނުވާކަން, ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލައްވާފައިވާފައިވާކަން,” – ބިގޭ-
ގައުމަށް ދިމާވެފައިވާ މުއިހްމު ކަންކަމާ މެދު ރައީސް މުއިއްޒު އެއްވެސް މިންވަރަކަށް އަލިއަޅުއްވާލައްވާފައިނުވާކަމަށް ވެސް މިއަދު ބިގޭ ވިދާޅުވިއެވެ. އެއީ އިންތިހާއަށް އެ ޕާޓީން ކަންބޮޑުވާކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
“ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ރާއްޖޭގެ ކަންކަން ހިނގާފައިވާގޮތް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައިވަނީ, މުޅިންވެސް ދޮގު މައުލޫމާތު ދެއްވައި ރައްޔިތުންނަށާ މަޖިލީހަށް ވަރަށް ބޮޑަށް އޮޅޭގޮތަށް,” ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީވެސް ރައްޔިތުންނަށް “މަކަރާ އޮޅުވާލުން އޮޅުވާލަމުން” ކަމަށެވެ.
ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރަކީ ސިއްހީ ގޮތުން މުޅި ދުނިޔެވެސް ނުދެކޭފަދަ ބޮޑު ކާރިސާއެއް ދިމާވި ދައުރެއްކަމަށެވެ. ނަމަވެސް އެއްވެސް ރައްޔިތަކަށް ދަތި ތަހައްމަލްކުރަން ނުޖެހި ގައުމު ކޮވިޑުގެ ހާލަތުން އަރައިގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ނަވާރައަށްފަހު ރާއްޖޭގެ އިގްތިސާދު ވަރަށް ބާރުމިނުގަ ކުރިއަށްދިޔަކަމަށާއި, ކޮވިޑަށްފަހު ދިނިޔޭގައި އެންމެ ބާރުމިނުގައި ކުރިއެރި އިގްތިސާދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު ހިމެނޭކަމަށް ވެސް ބިގޭ ވިދާޅުވިއެވެ. އެއީ ރައީސް މުއިއްޒުވެސް އެއްބަސްވެ ލައްވާކަމެއްކަމަށާއި, ނަމަވެސް މުއިއްޒު ގެންދަވީ ތަފާތު އިތުރުފުޅު ހައްދަވައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންކަމަށް ބިގޭ ވިދާޅުވިއެވެ.
މި ސަރުކާރުން ތުހުމަތު ކުރާގޮތުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެއީ ފައިސާ ޗާޕުކޮށްގެން ކަންކަން ހަމަޖައްސަމުން ގެންދިއުމުގެ ނަތީޖާކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.