English Edition
Dhivehi Edition

ރަމަޟާން މަހަށް ޚާއްޞަކޮށްގެން އޭއޯގެ ފަރާތުން އައްޑޫސިޓީގައި ބާއްވަމުން އަންނަ މަދަހަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ދީނީ ރޫޙު އާލާކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން ތުއްތު ކުދިންގެ ހިތުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި 19 ދަށުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރި ވެވޭނެއެވެ. 3 އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އޮންނާނީ 7 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އައްޑޫގެ 2 ސަރަހައްދެއްގައި މުބާރާތް ބާއްވާނެއެވެ. އެއީ ހުޅުމީދޫ އަދި ހިތަދޫގައެވެ. މިގޮތަށް ހަމަޖެއްސީ ރަމަޟާން މަހުގައި ކަނޑު ހުރަސްކޮށް، މުބާރާތުގައި ބައިވެރިވުމަށް ހިތަދޫއަށް އަންނަން ޖެހުމުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ހުޅުމީދޫގެ ގިނަ ކުދިންނަށް އެފުރުސަތު ގެއްލިގެން ދާތީ އެކަމަށް ހައްލެއް ހޯދައިދީ އެފަދަ ކުދިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އޭއޯނިއުސްގެ ފޭސްބުކް ޕޭޖުގައި ހުންނާނެއެވެ. އަދި މުބާރާތާ ބެހޭގޮތުން އަންގާ މުހިއްމު އެންގުންތައް ވެސް ފޭސް ބުކް ޕޭޖަށް އަޕްލޯޑް ކުރަމުން ގެންދާނެއެވެ. މުބާރާާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 30 މެއި 2017 ވާ އަންގާރަ ދުވަހުގެ ކުރިން އޭއޯ ނިއުސްގެ އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެއެވެ. މިފަހަރުގެ މުބާރާތުގައި އައްޑޫގެ ކޮންމެ ރަށަކުން އެންމެ ގިނަވެގެން ބައިވެރިކުރެވޭނީ 100 ބައިވެރިންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. https://web.facebook.com/www.aonews.mv/ މި ލިންކުން ފޭސް ބުކް ޕޭޖަށް ދެވޭނެއެވެ. މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 7782034 މި ނަމްބަރަށް ގުޅުއްވުން އެދެމެވެ. އައްޑޫސިޓީގެ ދަރިވަރުންގެ ތެރެއިން މަދަހަ ކިޔުމުގެ ހުނަރު ހުރި އަދި އެކަމަށް ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތަކީ އައްޑޫސިޓީގައި މިގޮތަށް ބާއްވާ އެންމެ ބޮޑު މަދަޙަ މުބާރާތެވެ. އަދި މިއީ އޭއޯއިން އިންތިޒާމު ކޮށްގެން މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ. ބޮޑެތި އިނާމުތައް ހުށަހަޅައިގެން ބާއްވާ މި މުބާރާތުގައި 2016 ވަނަ އަހަރު އެއްވަނަ ހޯދި ފަރާތަށް މާވީ އިންވެސްޓްމަންޓުން ދެއްވި އުމުރާ ދަތުރާއި އަދި އައްޑޫ ވިމެންސް އެސޯސިއޭޝަނުން ދެއްވި ދުބާއީ ސްޓަޑީ ޓުއާ ހިމެނެއެވެ. މީގެ އިތުރުން އައްޑޫގެ ރިސޯޓު ތަކުން ދެއްވި 1 ދުވަހުގެ ފުލް ބޯޑު ހުރުމާއި ގިނަ ވިޔަފާާރިވެރިންގެ ފަރާތުން ލިބިގެން ދިޔަ އިނާމުތައް ފާހަަަގަ ކޮށްލެވެއެވެ. މިދިޔަ އަހަރުގެ މުބާރާތުން 1 ވަނަ ހޯދާފައިވަނީ ސ.ހުޅުދޫ މައްސާގުގޭ މުޙައްމަދު އައިޙަމް ޝަރީފެވެ. 2 ވަނަ ހޯދާފައިވަނީ ޏ.ފުވައްމުލަކު ބްލޫޖައްވު ފާތިމަތު ޖުމާން އަބްދުﷲއެވެ. މުޅި މުބާރާތުން 3 ވަނަ ލިބިފައިވަނީ ސ.ފޭދޫ އަރިއަސް ޙައްވާ ޝަބާ ލުޠުފީއަށެވެ. މިއަަހަރުގެ މުބާރާތަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.