English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމުކޮށްގެން އައްޑޫސިޓީގައި ކުރިއަށް ގެންދާ “އޭއޯ 3 ވަނަ މަދަޙަ މުބާރާތް” ގެ ހިތަދޫ ބުރު ރޭ ޝަރަފުއްދީން ސްކޫލުގައި ފަށައިފިއެވެ. ޖޫން 25 ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އައްޑޫގެ 2 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މީދޫ ޝަމްސުއްދީން ސްކޫލުގައި މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު ބާއްވާފައިވާއިރު ހިތަދޫގައި ކުރިއަށް ގެންދާ ބައި ވަނީ ރޭގައި ފަށާފައެވެ. އަދި މުބާރާތުގެ 4 ވަނަ ދަންފަޅި މިއަދު މެންދުރުފަހު 2:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ފުރަތަަމަ ދަންފަޅީގައި މަދަޙަ ހުށަހަޅާނީ 7 އަހަރުން ދަށުގެ އުމުރުފުރައިންނެވެ. އަދި މިރޭ 13 އަހަރުން ދަށުގެ އުމުރުފުރައާއި ނަވާރަ އަހަރުން ދަށުގެ އުމުރުފުރައިން ބައިވެރިންގެ މަދަޙަ ތައް ހުށަހެޅުން އޮންނާނެއެވެ. 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ޖޫން 30 ވަނަ ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލުގައެވެ. މުބާރާތުގައި ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 5 ވަނަ އާއި 1،2 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ އާއި މުބާރާތުގެ 1، 2 އަދި 3 ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ ކޯސްޕޮންސަރުންނަކީ ހެޕީމާކެޓް، ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް، އީކުއޭޓަރ ވިލެޖް، ތައިސީރު ޙައްޖު އެންޑް ޢުމުރާ އެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރ އަކީ އެމް7 ޕްރިންޓެވެ. އޭއޯގެ 3 ވަނަ މަދަޙަ މުބާރާތަށް އައްޑޫސިޓީ ކައުންސިލުން ވަނީ ފައިސާގެ އިނާމު ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަލްޓި މާޓް،އައްޑޫ ޕޮލިސް ސްޓޭޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، މީދޫ ޗާމިން ލޮޖް، ސިއު އެންޑް މޭކް އިން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.