English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމުކޮށް ގެން ކުރިއަށް ގެންދާ އޭއޯގެ 3 ވަނަ މަދަޙަ މުބާރާތުގެ ފަޚުރުވެރި 1 ވަނަ ސ.މީދޫ ހިންނަވަރުގެ އާއިޝަތު ނައުޝީން ވަސީމް ހޯދައިފިއެވެ. މުބާރާތުގެ 1 ވަނަ އާއެކު ނައުޝީނަށް ވަނީ ތައިސީރު ވަލް ޙައްޖު އެންޑް ޢުމުރާއިން ހަދިޔާކުރެއްވި އުމްރާ ދަތުރުވެސް ލިބިފައެވެ. ރޭ ޝަރަފުއްދީން ސްކޫލުގައި ބޭއްވި މަދަޙަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައުޝީނަށް 1 ވަނަ އާއި ގުޅިގެން ލިބުނު ހަދިޔާތަކާއި ޓްރޮފީ ހަވާލުކޮށް ދެއްވެވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނު، ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާނެވެ. މި މުބާރާތުގައި 2ވަނަ ހޯދާފައިވަނީ ސ. ހިތަދޫ ގްރީންގެ އީޝާ ވަޙީދެވެ. މި އިނާމާއެކު އީޝާއަށް ވަނީ އައްޑޫވިމެންސް އެސޯސިއޭޝަނުން ދެއްވެވި އޮސްޓްރޭލިއާ ސްޓަޑީ ޓުއާގެ އިނާމް ލިބިފައެވެ. އޭއޯ 3 ވަނަ މަދަޙަ މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ ސ.ހުޅުދޫ ތްރީލައިންސް އާމިނަތު އަމާނަތު އަޝްރަފެވެ. 3 ވަނަ އަށް ހުށަހަޅުއްވަވާފައިވާ މާލެ ގަން ދެކޮޅު ޓިކެޓްގެ އިނާމު އަމާނަތަށް ވަނީ ލިބިފައެވެ. މިއީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ދެއްވެވި އިނާމެކެވެ. 3 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކޯސްޕޮންސަރުންނަކީ ތައިސީރު ޙައްޖު އެންޑް އުމުރާ، ހެޕީ މާކެޓް، ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އައްޑޫވިމެންސް އެސޯސިއޭޝަނެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރ އަކީ އެމް ސެވެން ޕްރިންޓެވެ. މި މުބާރާތުގެ ވަނަ ތަކަށް އުރީދޫ އިން ވަނީ އިންޓަނެޓް ޑޮންގަލްސް 2 މަހުގެ ހިލޭ ޑާޓާ އާއެކު ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު 3 ބައިވެރިންނަށް އީކުއޭޓަރ ވިލެޖުން ވަނީ ކޮންމެ ބައިވެރިއަކަށް 2 މީހެއްގެ އެއްދުވަހުގެ ރިސޯޓް ސްޓޭ އެއް ފުލްބޯޑުގައި ދެއްވަވާފައެވެ. މިއަހަރުގެ މުބާރާތަށް އައްޑޫސިޓީ ކައުންސިލުން ވަނީ 6000 ރުފިޔާގެ އިނާމު ހުށަހަޅުއްވާފައެވެ. އަދި މަލްޓި މާޓްއިން އެފިހާރައިން ވިޔަފާރިކުރެވޭ ގިފްޓް ވައުޗަރ ހުށަހަޅުއްވަވާފައެވެ. މީގެ އިތުރުންވެސް ހެޔޮ އެދޭ ގިނަ ފަރާތްތަކަކުން މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވަވާފައިވެއެވެ. މުބާރާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް އެއޯއިން ވަނީ ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމާއި ހަދިޔާ ދީފައެވެ. މި މުބާރާތުގެ 7 އަަހަރުން ދަށުގެ އުމުރު ފުރައިން 1 ވަނަ ހޯދާފައިވަނީ ސ.ހިތަދޫ ނަލަހިޔާގެ ޝާހާ ފާއިޒެވެ. 2 ވަނަ ހޯދާފައިވަނީ ސ.ފޭދޫ ބީޗްކޯނަރ ޒައިނަބް ޒީކާ ހާފިޒެވެ. އަދި މިއުމުރުފުރައިން 3 ވަނަ ހޯދާފައިވަނީ ސ. ހުޅުދޫ ޗަމްޕާޕޫލުމާގޭ އާމިނަތު ޒޯހާ ބިންތު އަލީ މުޙައްމަދެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދާފައިވަނީ ސ. މީދޫ ހިންނަވަރުގެ އާއިޝަތު ނައުޝީން ވަސީމެވެ. ނަވާރަ އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދާފައިވަނީ ސ.ހިތަދޫ ގްރީންގެ އީޝާ ވަޙީދެވެ. 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް މިފަހަރު އައްޑޫގެ 2 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ހުޅުމީދޫގައި ބާއްވާފައިވާއިރު މުބާރާތުގެ 4 ދަންފަޅިއާއި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހިތަދޫގައެވެ. މަދަޙަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހެޕީމާކެޓްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ނައީމް އާއި އަނބިކަނބަލުން ޝިމްލާ ޙުސައިން އަދި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފާއި ކައުންސިލަރު ޖަމްޝީދާ މުޙައްމަދު އަދި ހެޕީމާކެޓްގެ މާކެޓިން މެނޭޖަރ އަބްދުﷲ ނައީމް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ލައްވަވާފައެވެ. އޭއޯ ނިއުސްގެ މަދަޙަ މުބާރާތަށް އަމިއްލަ ގިނަ ފަރާތްތަކަކުން އިނާމު ހުށަހަޅުއްވަވާފައިވާއިރު ދެން އަންނަ އަހަރަކު މިއަށް ވުރެ ކުލަގަދަކޮށް ގިނަ އުމުރުފުރާތަކަކަށް ހުޅުވާލައިގެން މުބާރާތް ބޭއްވުމަށް އޭއޯއިން މަސައްކަތް ކުރާނެއެވެ.