English Edition
Dhivehi Edition

އޭއޯއިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މަދަޙަ މުބާރާތުގެ އަންނަ އަހަރު ބާއްވާ މުބާރާތަށް ހެޕީމާކެޓުން އުމުރާ 2 ދަތުރު ހުށަހަޅުއްވަވައިފިއެވެ. ހެޕީމާކެޓުން މިކަން އިއުލާން ކުރެއްވެވީ ރޭ ޝަރަފުއްދީން ސްކޫލުގައި ބޭއްވި އޭއޯގެ 3 ވަނަ މަދަޙަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ. ހެޕީމާކެޓްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ނައީމުގެ ދެކަނބަލުން ޚާއްޞަ މެޙްމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ނިމިގެން ނައީމް ވަނީ އޭއޯ ޓީމުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވަވާފައެވެ. އަދި އަންނަ އަހަރު ބާއްވާ މަދަޙަ މުބާރާތަށް ހެޕީމާކެޓުން އުމުރާ 2 ދަތުރު މިހާރުވެސް ފައިނަލްކޮށް ނިންމަވައިފި ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ. އޭއޯއިން ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގައި އަބަދުވެސް ދީލަތި އެހީއެއް ފޯރުކޮށް ދެއްވަވަމުން ގެންދަވާ ހެޕީ މާކެޓުން ވަނީ މިއަހަރު ގެ މަދަޙަ މުބާރާތުގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ. މަދަޙަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނު ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާން ވިދާޅުވީ އައްޑޫ ސިޓީގައި ބާއްވާ މިފަދަ މުބާރާތްތަކަށް ވިޔފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑުކަމަށެވެ. އަދި ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ހުނަރުވެރި ދަރިންތަކެއް ތައްޔާރުކުރުމުގައި މިފަދަ މުބާރާތްތައް ބޭއްވުމަކީ މުހިއްމުކަމެއް ކަމަށެވެ. އޭއޯގެ 3 ވަނަ މަދަޙަ މުބާރާތުން 1 ވަނަ ހޯދާފައިވަނީ ސ. މީދޫ ހިންނަވަރުގެ އާއިޝަތު ނައުޝީން ވަސީމެވެ. މި އިނާމާއެކު ނައުޝީނަށް ވަނީ ތައިސީރު ޙައްޖު އެންޑް އުމުރާއިން ހަދިޔާ ކުރެއްވި އުމުރާ ދަތުރުގެ އިނާމު ލިބިފައެވެ.