English Edition
Dhivehi Edition

އޭއޯ މަދަހަ މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ތައިސީރު ޙައްޖު އެންޑް ޢުމުރާ އިން ދެއްވެވި އުމްރާ ދަތުރު ސ.މީދޫ ހިންނަވަރު އާއިޝަތު ނައުޝީނަށް ދީފިއެވެ. ތައިސީރު ޖަމިއްޔާގެ ފަރާތުން ނައުޝީނާ މި އިނާމު ޙަވާލު ކުރެއްވެވީ ޝައިޚް މުޙައްމަދު ޝައްމޫނެވެ. މި އުމްރާ ދަތުރަކީ އަންނަ އަހަރުގެ މާޗް މަހުގެ އުމުރާއަށް ދެވޭ ދަތުރެކެވެ. އައްޑޫސިޓީގައި ހިންގާ ދީނީ ގިނަ ހަރަކާތްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެއްވަމުން އަންނަ މި ޖަމިއްޔާއިން އައްޑޫގެ ސްކޫލުތަކުގައި ބާއްވާ މިފަދަ ހަރަކާތް ތަކަށް ވެސް އުމުރާ ދަތުރުގެ އިނާމު ހުށަހަޅުއްވާފައިވެއެވެ. އޭއޯއިން ވޭތުވެދިޔަ އަހަރު ބޭއްވި މަދަހަ މުބާރާތަށް ވެސް އުމުރާ ދަތުރެއްގެ އިނާމު ވަނީ ލިބިފައެވެ. މާވީ އިންވެސްޓްމަންޓުން ދެއްވެވި މި އުމްރާ ދަތުރު ލިބިފައިވަނީ ސ.ހުޅުދޫ މައްސާގުގޭ އައިހަމް ޝަރީފަށެވެ. އަދި އޭއޯއިން ކުރިއަށް ދެން ބާއްވާ މަދަހަ މުބާރާތަކަށް ހެޕީ މާކެޓުން ވަނީ އުމުރާ 2 ދަތުރު ހުށަހަޅުއްވަވާފައެވެ. އައްޑޫސިޓީގެ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ރޮނގުން ހުނަރުވެރި ދަރިންތަކެއް އުފެއްދުމަށް އޭއޯއިން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގައި އައްޑޫގެ ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ތައިސީރު ހައްޖު އެންޑް އުމްރާ، ހެޕީމާކެޓް، ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އީކުއޭޓަރ ވިލެޖްގެ ނަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އައްޑޫސިޓީ ކައުންސިލުންވެސް ވަނީ މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމު ހުށަހަޅުއްވަވާފައެެވެ.