English Edition
Dhivehi Edition
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ - ފޮޓޯ: މިހާރު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާމެދު ހޭލުންތެރިކަން އިތުރުކޮށް، އެ ޙައްޤާމެދު އަހުލުވެރި ކުރުވުމަށްޓަކައި އަދި މަޢުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދިނުމަށް ނިންމާފައިވާ “މަހޯލި އެވޯޑު”ގެ އުސޫލު އާންމުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އެ އެވޯޑު ދިނުމުގައި އެންމެ ރަނގަޅު މީޑިއާ އިދާރާ، އެންމެ ރަނގަޅު ނޫސްވެރިޔާ، އެންމެ ރަނގަޅު ޖަމިއްޔާ ޖަމާޢަތް އަދި އެންމެ ރަނގަޅު އިންފޮމޭޝަން އޮފިސަރު ހޮވުން އޮންނާނެ ކަމަށެވެ.

މީޑިއާގެ އިދާރާއެއް މަހޯލި އެވޯޑަށް ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ އިދާރާއަކަށްވުން
  2. މަޢުލޫމާތު ހޯދަން އެދި ދައުލަތުގެ އިދާރާތަކަށް ހުށަހެޅި ކިތައް ފޯމުކަން އަދި ފޯމު ހުށަހަޅައިގެން ލިބުނު މަޢުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ ކޮންޓެންޓު
  3. ޤާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކޮށްފައިވާ މަސައްކަތްތައް

މަހޯލި އެވޯޑަށް ނޫސްވެރިން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. މަޢުލޫމާތު ހޯދަން އެދި ދައުލަތުގެ އިދާރާތަކަށް ފޯމު ހުށަހަޅައި ލިބުނު މަޢުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ ކޮންޓެންޓްގެ އަދަދު
  2. ފަރުދީ ގޮތުން ޤާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކޮށްފައިވާ މަސައްކަތްތައް

މަހޯލި އެވޯޑަށް ޖަމިއްޔާ ޖަމާޢަތްތައް ހޮވުމުގައި ބަލާނެ ކަންތައްތައް

(ހ) ޖައްމިޔާގެ ރަސްމީ ވެބްސައިޓާ ބެހޭ މަޢުލޫމާތު:

  1. ޖަމިއްޔާގެ ރަސްމީ ވެބްސައިޓްގެ ރަސްމީ އެޑްރެސް
  2. ޖަމިއްޔާގެ ތަޞައްވުރާއި އަމާޒު
  3. ޖަމިއްޔާގެ ރަސްމީ އީމެއިލް އެޑްރެސް
  4. ޖަމިއްޔާގައި ކޮމިޓީއެއް/ބޯޑެއް އޮތްނަމަ މެންބަރުންގެ ނަމާއި މަޤާމު
  5. ޖަމިއްޔާގެ ތާރީޚާއި ކާމިޔާބީއާއި މުހިންމު ލަނޑުދަނޑިތައް
  6. ޖަމިއްޔާގެ ނަމަށް ނުވަތަ މަސައްކަތަށް ބަދަލެއް އައިސްފައިވާނަމަ އެކަމާ ބެހޭ މަޢުލޫމާތު
  7. ޖަމިއްޔާގެ އެންމެ އިސްވެރިންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުން
  8. މުވައްޒަފުންގެ ތަޢާރަފެއް
  9. ޖަމިއްޔާ ހިންގާ ތަން
  10. ޖަމިއްޔާގެ އޮފީސް ހުޅުވިފައި ހުންނަ ގަޑިތައް
  11. ޖަމިއްޔާގެ އިޖުތިމާޢީ ވިއުގަ
  12. މަޢުލޫމާތު އާކޮށް ތާޒާކުރާ މިންވަރު

މަހޯލި އެވޯޑަށް އިންފޮމޭޝަން އޮފިސަރުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ޤާނޫނުގެ ދަށުން މަޢުލޫމާތު ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ދޫކޮށްފައިވޭތޯ ބެލުން
  2. މަޢުލޫމާތު ދޫކުރެވިފައިވާ ޢަދަދު
  3. ޤާނޫނުގެ ދަށުން އެ އިދާރާއަކަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމާފައިވާ ގޮތް އެނގޭނެހެން ކަރުދާހެއް ތައްޔާރުކޮށްފައިވުން
  4. ވެބްސައިޓުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށްފައިވުން
  5. ޤާނޫނަށް އަހުލުވެރިވެފައިވާ މިންވަރު
  6. ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލަހައްޓަ ރައްކާކޮށް އަދި އެއިން ފޯމެއް އަދި އެފޯމަކާ ގުޅުންހުރި މަޢުލޫމާތެއް ހޯދަން ޖެހިއްޖެ ޙާލަތެއްގައި ފަސޭހައިން ހޯދޭނެފަދަ އިންތިޒާމެއް ޤާއިމްކޮށްފައިވުން
  7. ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރުގެ އިސްނެގުމުގެ މަތިން އަހަރީ ރިޕޯޓު އެކުލަވާލައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވާފައިވުން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އެ އެވޯޑު ދިނުން އޮންނާނީ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް” ފާހަގަކުރުމަށް އެ އޮފީހުން ބާއްވާ ޙަފްލާގައި ކަމަށެވެ.

އަދި މަހޯލި އެވޯޑު ޙާސިލްކުރާ ފަރާތްތައް ފުރަތަމަ އިއުލާންކުރުން އޮންނާނީ މި އަހަރުގެ ޙަފްލާގައި ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ މަހޯލި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، އެވޯޑަށް ހުޅުވައިލުމުން އެކަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.