ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް އާންމުކުރި “އައިޝާ” ޑޮކިއުމެންޓަރީގެ މައްސަލައިގައި، ‘އަދަދު’ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ޖިނާއީ ދައުވާ ރަސްމީކޮށް އުފުލައިފިއެވެ.
މި ދެބޭފުޅުންގެ މައްޗަށް ދައުވާކޮށްފައިވަނީ، އެ ނޫހުގެ އެޑިޓަރުންގެ ގޮތުގައި ތިބެ، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ހިމަނައިގެން ރައީސަށް އަމާޒުކޮށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވާތީއެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓަރީ މުޖުތަމައުގައި އިތުރަށް ނުފެތުރުމަށް އަންގައި ގެގް އޯޑަރެއް ވެސް ނެރެފައެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މައްސަލަ ތަހުގީގުކުރަން ފެށިތާ 14 ދުވަސް ފަހުންނެވެ. ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށް، އެތަނުން 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފައެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް މުއިއްޒު އެންގެވިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
“އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.