English Edition
Dhivehi Edition
ސީއެއްސީގެ ރައީސް ޑރ. އަލީ ޝަމީމް - ފޮޓޯ: ސިވިލް ސަރވިސް ކޮމިޝަން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ “ނޮވެލް ކޮރޯނާވައިރަސް”ގެ ސަބަބުން ކަރަންޓީނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަސް ރޯގާއާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅެއްގެ ގޮތުގައި އެ ރޯގާއަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމާފައިވާތީ، އެ ރޯގާއާއި ގޫލިގެން ކަރަންޓީނުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ޚާއްސަ ޗުއްޓީއެއްގެ ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސީއެސްސީ އިން ވަނީ ކަރަންޓީނުކުރެވޭ މުވައްޒަފުން ކަރަންޓީނުކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް ހަމަޖައްސައިދިނުމަށް ސިވިލް ސަރވިސްގެ މުއައްސަސާތަކަށް އަންގައިފަ އެވެ.

ސީއެސްސީ އިން މިގޮތަށް ނިންމާފައިވާއިރު، ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ ފަރާތްތައް ކަރަންޓީނުކުރާ ތަނެއްގެ ގޮތުގައި ކ. އާރަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިއަދު ހަމަޖައްސަވައިފަ އެވެ.

މީގެ އިތުރުން ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމަށް ކ. އަތޮޅު ފުނަދޫ އާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަޙައްދެއްގެ ގޮތުގައި މިހާރު އޮތް ފަރުކޮޅުފުށި ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު، އޭނާ ވަނީ ފުނަދޫގައި ކަރަންޓީނުކޮށްފަ އެވެ. އަދި އޭނާ އަށް ވައިރަސް ޖެހިފައިވޭތޯ ބެލުމަށް ޓެސްޓުތައް ހައްދައި އިންޑިއާއަށްވެސް ފޮނުވާފައިވާއިރު، އެ ޓެސްޓުތަކުގެ ނަތީޖާއެއް އަދި ނުލިބެއެވެ.