English Edition
Dhivehi Edition

ފުލުހުން ބަލަމުންދާ ސީރިއަސް މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ހިޝާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދީފައިވާއިރު މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އިއްޔެ ފުލުހުންގެ ވަޓްސްއަޕް މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޗީޕް އިންސްޕެކްޓަރު އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އޮތީ ޕްރެލިމިނަރީ ސްޓޭޖެއްގައިކަމަށާއި ވީމާ ތަހުގީގު ކުރިއަށް ދާ މިންވަރަށް ބިނާކޮށް މައުލޫމާތު ހާމަކުރެވެން އޮތް މިންވަަރަކުން މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ދާން ސްރީލަންކަން ފްލައިޓެއްގައި އިންދާ ފުލުހުން ހިޝާން ހައްޔަރުކޮށް، ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ހިޝާން ފުލުހަށް ހާޒިރުކުރުމާއެކު ގިނަ ބިޔަކު ވަނީ ސޯޝަލް މީޑީއާގައި ހިޝާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މި ގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުތަކެވެ. މި ތުހުމަތުތަކާއެކު ބައެއް މީހުންވަނީ އެ މީހުންނަށް ދިމާވި ބައެއް ކަންކަން ވެސް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ވާހަކަތަކާއި ގުޅިގެން ހިޝާންގެ ދިފާއުގައި ވެސް ބައެއް މީހުން ވާހަކާފައިވާއިރު އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހިޝާންގެ އަބުރު ކަތިލުމަށްޓަކައި ބަޔަކު ރާވައިގެން ދައްކަމުން ދާ ވާހަކަތަކެއް ކަމަށެވެ.

ފަހަކަށް އައިސް ހިޝާން އަށް ބަޔަކު މަރުގެ އިންޒާރުދެމުން ދިއުމާއި ގުޅިގެން އޭނާވަނީ އެ މައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ ހިޝާންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ކަމުގައި ފުލުހުން ބުނެފައިވާއިރު ހިޝާންވަނީ މި ގައުމުގައި ހައްޤުބަސް ބުނާ މީހުންނަށް ދިރިހުރުމުގެ ހައްގެއް ނެތްކަމަށާއި ދެން ބޭނުންވަނީ ގައުމު ދޫކޮށް ދާންކަމުގައި ވިދާޅުވެފައެވެ. ހިޝާންއަށް މަރުގެ އިންޒާރުދިނުމަށްފަހު ބަޔަކު އޭނާއަށް ފާރަލަމުން ދާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ހިޝާން މީގެ ކުރިން ވިދާޅުވީީ މަރުގެ އިންޒާރު ދެމުންދަނީ ގޭންގުތަކުން ނޫން ކަމަށާއި އެއީ ބައެއް މުއައްސަސާތަކުގައި ތިބޭ ބަޔަކު ކުރާ ކަމެއް ކަމަށެވެ.