English Edition
Dhivehi Edition

އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން، ގ. ނީރުވީކް، އަޙްމަދު ހިޝާނަށް 2014 ވަނަ އަހަރު ޤައުމީ އިނާމު ދެއްވިއިރު އޭނާގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ޤައުމީ އިނާމާބެހޭ ކޮމެޓީން މިއަދު ވިދާޅުވެއްޖެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ކޮމެޓީގެ ޗެއާޕާސަން އަނީސާ އަޙްމަދު (ނ.ޢ.ޢ.ވ) ވިދާޅުވީ ޤައުމީ އިނާމުދެއްވުމުގައި އަބަދުވެސް ބައްލަވަންޖެހޭ ހުރިހާ ބެއްލެވުންތައް ބައްލަވަމުންގެންދަވާކަމަށާއި އެގޮތުން އެއްވެސް ކުށުގެ ރިކޯޑެއް އޮތް ފަރާތެއްނަމަ އެ ފަރާތެއް އެއީ އެވޯޑް ލިބޭ ފަރާތެއްގެ ގޮތުގައި ނޮމިނޭޓް ނުވާނެކަމުގައެވެ. އެގޮތުން އަޙްމަދު ހިޝާން ގ. ނީރުވީކް، އަށް 2014 ވަނަ އަހަރު އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން: ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައިވެސް ކުށުގެ ރެކޯޑެއް ނެތްކަން ފުލުހުންގެ ފަރާތުންނާއި ކޯޓުންވެސް ކަށަވަރު ކުރައްވާފައިވާނެކަމަށް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ ހިސާނަށް އިނާމު ލިބުނީ ކޮމެޓީން އިނާމު ދިނުމުގައި ގެންގުޅޭ އުސޫލު ނުވަތަ މިންގަނޑު ގޯސްވެގެން ނޫންކަމަށާއި އެއީ އޭރު ބެލިއިރު ކުށުގެ ރިކޯޑެއް ނެތްކަމަށް ކޮމެޓީން ކަށަވަރު ކުރެވިފައިވާތީކަމުގައެވެ. އަނީސާ ވިދާޅުވީ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރާތެއްގެ އަތުން އެ އިނާމެއް ނިގުޅައިގަނެވޭނެ ހާލަތުވެސް އުސޫލުގައި ކަނޑައެޅިފައިވާކަމަށެވެ.