ކައުންސިލްތަކާއި، ކައުންސިލް މެމްބަރުންގެ އަގު ވައްޓާލީ ސީދާ ސަރުކާރުން ކަމަށް އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް ޝުކުރީ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.. މި ގޮތުން އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އިންތިހާބުން ބަލިވިޔަސް އަދި ބަލިނުވިކަމުގައި ވިޔަސް ދައްކަންޖެހޭ ވާހަކަތައް ދައްކާނެ ކަމަށާއި މީގެ ކުރިންވެސް އަންނަނީ އެފަދަ ވާހަކަތައް ދައްކަމުން ކަމަށެވެ. މި ގޮތުން އިސްލާމްދީނަށް ގޮން ޖަހާ ނެރުނު ރިޕޯޓާއި ދެކޮޅަށްވެސް ބަޔާން ނެރެން ކެރުނުކަމަށް ޝުކުރީ ވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުކުރީ ވަނީ ސަރުކާރުން ކަންތައްތައްކޮށް ދޭން ބޭނުންވި އަތޮޅުތަކަށާއި ރަށްރަށަށް ކަންކަންކޮށްދިންކަން ފާހަގަކުރައްވާފައެވެ.މި ސަރުކާރުން އައްޑޫއަށް ކޮށްދިން އެއްވެސް ކަމެއް ނެތްކަން ފާހަގަކުރައްވަމުން ޝުކުރީ ވިދާޅުވީ ކައުންސިލްތަކާއި ކައުންސިލް މެމްބަރުންގެ އަގު ވައްޓާލީ ސީދާ ސަރުކާރުން ކަމަށާއި ސަރުކާރުން ދެއްކީ ހުސްވާހަކަތަކެއް ކަމުގައެވެ. “އަހަރެމެން ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރަށް އެއް އަހަރު ފުރިގެން ދިޔަ އިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ނުދެވުނީ ކައުންސިލްތަކަށް މަސައްކަތްނުކުރެވިގެންނެއް ނޫން.”ޝުކުރީ ވިދާޅުވިއެވެ. މީގެ އިތުރުން ޝުކުރީ ވިދާޅުވީ ޕާޓީއިން ބޭރުކޮށްލިނަމަވެސް ކަންކަން ހިގާދިޔަ ގޮތް ބުނަން ކެރޭކަމަށާއި މިވާހަކަދައްކަނީ ޕްރައިމަރީއިން ބަލިވުމުން ނޫންކަމަށެވެ.
މީގެ އިތުރުން ޝުކުރީ ވިދާޅުވީ އިންސާފާއި ހަމަހަމަކަމަށް ވާކާލާތުކުރުމުގެ ރޫހު ހުޅުދޫ ރައްޔިތުންގެ މެދުގައި އުފައްދާނެ ކަމަށާއި އެކަމަށްޓަކައި އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްލިއަސް އަދި ވަކިވާންޖެހުނަސް މައްސަލައެއް ނެތްކަމަށެވެ. “މިހާރު ހުޅުދޫ މިހާލަތުގައި އޮތީ ކަންކަމަށް ހައްގު ގޮޮތުގައި ވަކާލާތުކުރުމުގެ ރޫހު ހުޅުދޫ ރައްޔިތުންގެ މެދުގައި ނެތުމުން ކަމަށް ގަބޫލުކުރެވެނީ”ޝުކުރީ ވިދާޅުވިއެވެ.