English Edition
Dhivehi Edition
ޗައިނާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް. ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ޗައިނާ ވަނީ ހުއްޓުމަކަށް އައިސްފައި

ޗައިނާގެ ޔަންގްޖޯ ސިޓީގެ އިންޓަނޭޝަނަލް ޔުނިވަރސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންނާއި އެ ސިޓީގެ މޭޔަރު ބައްދަލު ކުރައްވައި ދަރިވަރުންނަށް ކާބޯތަކެތި ހަދިޔާކޮށްފިއެވެ.

މި ޔުނިވަރސިޓީގައި ދިވެހި 5 ދަރިވަރަކު ކިޔަވަމުން އަންނަ އިރު އެތަނުން 1 ކުއްޖަކު ވަނީ ޖެނުއަރީ ކުރީ ކޮޅު ރާއްޖެ އައިސްފައެވެ. މިވަގުތު އެ ޔުނިވަރސިޓީގައި ކިޔަވަމުން އަންނަނީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ސްކޮލަރޝިޕްގައި ކިޔަވަމުން އަންނަ 5 ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫސިޓީގެ 4 ދަރިވަރަކާއި ފުވައްމުލަކުސިޓީގެ 1 ދަރިވަރެކެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ޗައިނާއަށް ފެތުރި ޗައިނާގެ ގިނަ ސަރަހައްދުތައް ބަންދުކޮށްފައިވާއިރު ޔަންގްޖޯ ގައި އަދި މިބަލީގެ އަސަރުކޮށްފައިވަނީ މަދު އަދަދެއްގެ މީހުންނަށެވެ. ނަމަވެސް އެތަނުގެ ފިހާރަތަކުން ކާބޯތަކެތި ލިބުން ދަތިވުމާއި ތަކެތީގެ އަގުބޮޑުވެފައިވާ ކަމަށް އެތަނުގައި މިވަގުތު ތިބި ދަރިވަރުން ބުނެއެވެ.

ސިޓީގެ މޭޔަރު ދަރިވަރުންނަށް ހަދިޔާ ކުރި ކާބޯތަކެތި

ޔަންގްޖޯ ޕޮލިޓެކްނިކް އިން ބުނީ އެތަނުގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުން ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ. އަދި އެއްވެސް ކަހަލަ ސީރިއަސް ކަމެއް މެދުވެރިވެއްޖެ ނަމަ 2 ކިލޯ މީޓަރ ކައިރީގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެބަހުރި ކަމަށާއި ޔުނިވަރސިޓީން އެކުދިންގެ ރައްކާތެރިކަމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

ދަރިވަރުން ބުނީ ރާއްޖޭގެ އެމްބަސީން ވެސް ދަރިވަރުންނަށް ގުޅައި ރާއްޖެ ދާން ބޭނުންވާނަމަ އެކަން އަންގައިދިނުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އެތަނުން ދާން ބޭނުން ނޫން ކަމަށާއި ދަތުރުކުރުމަށް ވުރެ ޔުނިވަރސިޓީގެ ކެމްޕަސްގައި ތިބުން ރައްކާތެރިކަން ބޮޑު ކަމަށް އެ ދަރިވަރުން ބުންޏެވެ.

“ސިޓީގެ މޭޔަރ އިއްޔެ ބައްދަލުކޮށް ވަރަށް ގިނަ ކާބޯތަކެތީގެ ބާވަތްތައް ހަދިޔާކުރި. ޔުނިވަރސިޓީން ވެސް ވަނީ ކޮންމެ ދަރިވަރަކަށް މާސްކެއް ހޯދައި ދީފައި. ދަރިވަރުންގެ ހާލު ގާތުން ބަލަމުން މިދަނީ. އެއްވެސް ނުރައްކަލެއް ނެތް މިވަގުތަކު” ޔުނިވަރސިޓީގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ.

ޗައިނާގެ ގިނަ ސިޓީތަކެއްގައި ދިވެހިން ދިރިއުޅެމުން އަންނައިރު ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވި ވޫހާން ސިޓީގައި ތިބި ދިވެހިން މިހާރުވަނީ ރައްކާތެރިކަމާއެކު އިންޑިއާއަށް ގެންގޮސްފައެވެ.