English Edition
Dhivehi Edition
ނިޒާރު އައްޑޫސިޓީގެ މިހާރުގެ މޭޔަރ ސޯބެ އާއެކު

އައްޑޫ ތަރައްގީ ކުރާނެ ގޮތް އެނގޭނީ އައްޑޫގެ ރައްޔިތުންނަށް ކަމަށް އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން މިހާރުގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ގެ މައްޗަށް ކުރި ހޯއްދެވި އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރެއްވުމަށް ފަހު ލިބިލެއްވެވި ކާމިޔާބީ ހިއްސާކުރުމަށް ހުޅުދޫ އަދި މީދޫ އަށް މިއަދު ކުރެއްވެވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލު ކުރައްވަވަމުން ނިޒާރު ވިދާޅުވީ އެންމެން ގުޅިގެން އައްޑޫ ތަރައްގީކުރެވޭނެ ކަމަށެވެ.

” އަޅުގަނޑުގެ ޕްލޭންތަކެއް އެބަހުރި. އެހެންވީމާ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ އެ މަސައްކަތްކުރާނަން،” ނިޒާރު ވިދާޅުވިއެވެ.

ބަދަލަކަށް ބޭނުން ވެފައި ތިބި ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ޕްރައިމަރީގައި ވާދަކުރައްވަވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވެވުމަށް ފަހު ނިޒާރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ވަރުގެ ތަރައްގީއެއް ކުރިއެރުމެއް މިހާތަނަށް އައްޑުއަކަށް ލިބިފައެއް ނެތް ކަމަށެވެ. ނަމަވެސް ރައްޔިތުން މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ފުރުސަތުދޭ އާ ލީޑަޝިޕާ އެކު، އައްޑު އަށް ބޮޑެތި ކުރިއެރުންތަކެއް ގެންނާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ކުރީގެ މަޖިލިސް މެމްބަރުކަން ވެސް ކުރެއްވެވި ނިޒާރު ވިދާޅުވީ އިއްޔެ ބޭއްވި ޕްރައިމަރީން އެނގިގެން ދިޔަ އެއް ކަމަކީ ރައްޔިތުންގެ އިތުބާރު ނިޒާރަށް އޮތްކަން ކަމަށާއި އަދި އެމްޑީޕީގެ މެމްބަރުންގެ އިތުބާރު ވެސް އޮތްކަން ކަމަށެވެ. އެހެންކަމުން ކުރިއަށް ދާންވާނީ ޕާޓީގެ ރޫހާއި ވިސްނުމާ އެއްގޮތަށް ކަމަށާއި ބައެއް ފަހަރު ފެއިލް ވިޔަސް ކުރިއަށްދާން ވާނީ ޕާޓީގެ ރޫހާއި ޕާޓީގެ ކެންޑިޑޭޓާ އެކު ގައި ކަމަށެވެ.

ނިޒާރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބުމަކީ ވަރަށް އެދޭ އަދި އެހާމެ މުހިއްމު ކަމަކަށް ވާނެ ކަމަށާއި ސަބަބަކީ އެއް ފިކުރެއްގައި މަސައްކަތްކުރާ ބަޔަކު ކައުންސިލްގައި ތިބޭ ނަމަ ކަންކަން ކުރަން ފަސޭހަވާނެތީ ކަމަށް ކަމަށެވެ.

ނިޒާރު މިއަދު ހުޅުދޫ އަދި މީދޫ އަށް ވަޑައިގެންނެވުމުން އެ ދެރަށުގެ ގިނަ ބަޔަކު ވަނީ ނިޒާރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.