މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގެ ފެތުރެން ފަށާފައިވާ ކޮރޯނާވައިރަހަށް ޝައްކުވާ ފަދަ މީހެއް ފެނިއްޖެ ނަމަ، އެކަމަށް އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުންވެސް ތައްޔާރަށް އޮތްކަމަށް އެ ހޮސްޕިޓަލްގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ޝާފީ މުޙައްމަދު ޙުސައިން ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެއިންވެސް ކޮރޯނާއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާއިރު ޝާފީ ވިދާޅުވީ ކަމާބެހޭ އިދާރާތަކުން މިޙާލަތުގައި ކަންކަން ކުރަން ރާވާފައިވާ ގޮތާ އެއްގޮތަށް އަމަލު ކުރަން ތައްޔާރުވެފައިވާކަމަށެވެ. މި ގޮތުން އެހޮސްޕިޓަލުގައި 4 އެނދުގެ އައިސޮލޭޝަން ވޯޑެއް ޤާއިމް ކުރެވިފައިވާއިރު އެ ވޯޑް ހުންނަނީ އެހޮސްޕިޓަލުގެ މައި ޢިމާރާތާ ވަކިންކަން ޝާފީ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޝާފީ ވިދާޅުވީ ފަރުވާ ދިނުމުގެ ހުރިހާ ކަމެއް އެތަނުން ކުރިއަށް ގެންދެވޭ ގޮތަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި އިތުރަށް ކުރަންޖެހޭ މަސައްކަތްވެސް ހަލުއިކަމާއެކު ކުރަމުންދާކަމަށެވެ.
އައްޑޫ ސިޓީން މި ވަރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކާއި ބެހޭ ގޮތުން ޝާފީ ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ކެމެރާ ބެހެއްޓި ޕަބްލިކް ހެލްތުގެ ބެލުމުގެ ދަށުން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރެވެމުން ދާކަމަށެވެ.