English Edition
Dhivehi Edition

ކޮރޯނާ ވައިރަހާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން އާންމުވެފައިވާތީ މިރޭގެ މަޣުރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ޤުނޫތު ކިޔާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ (މިރޭގެ) މަޣްރިބު ނަމާދުން ފެށިގެން، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ބަލިމަޑުކަމާއި ރޯގާތަކާއި ގުޅިގެން ފަރުޟު ނަމާދުތަކުގައި ޤުނޫތު ކިޔާފައި ޤުނޫތު ނާޒިލާ ކިޔާނީ، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ ފަހު ރަކުއަތުގައެވެ.

މިދުވަސް ވަރު ރާއްޖޭގައިވެސް ހިމެބިހި ފެތުރެންފަށާފައި ވާއިރު ޗައިނާގެ ވުހާން ސިޓީގެ ފެތުރެން ވެށި ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ގޮތުން ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުން މި ބަލި ފެނިފައިވާއިރު ދިވެހި ސަރުކާރުންވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ގޮތުން ޗައިނާއިން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މި ބަލި ރާއްޖެއިން ފެނިއްޖެނަމަ އަމަލު ކުރާނެ އުސޫލުތައްވެސް ވަނީ އާންމުކޮށްފައެވެ.