ކުރިއަށް އޮތް ބޮޑު އީދު ދުވަހުގެ ހެނދުނު 7:00 ގައި މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާއަތްތަކުގައި އިމާމުވެ ނަމާދުކުރައްވާނެ ބޭފުޅުން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ކަނޑައަޅައިފިއެވެ. އާންމުކޮށްފައިވާ އިމާމުންގެ ލިސްޓުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ޒުވާން އިމާމަކު ވެސް ވަނީ ހިމަނާފައެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ކުޅިވަރު އެކުވެނީގައި އޮންނަ ބޮޑު ޖަމާއަތުގެ ހަތީބަކަށް ކަނޑައަޅާފައިވަނީ ޒުވާން އިމާމު އަލްހާފިޡް މުހައްމަދު ހަނޫން ހުސައިންނެވެ. މީގެ އިތުރުން މާލޭގެ މާފަންނު ސްޓޭޑިއަމްގައި އޮންނަ ޖަމާއަތުގައި އައްޝައިޚް އަބްދުالله ސައުދާނު އިމާމުވެ ނަމާދުކުރައްވާއިރު، ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގައި ނަމާދުކުރައްވާނީ އަލްޤާރީ އަހްމަދު ރިޔާޟެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގައި ނަމާދުކުރައްވާނީ އައްޝައިޚް ނަސްރުﷲ އަލީއެވެ.
މައިދާންތަކުގެ އިތުރުން މާލޭގެ ބޮޑު ދެ މިސްކިތެއްގައިވެސް އީދު ނަމާދުގެ ޖަމާއަތް އޮންނާނެއެވެ. އެގޮތުން، އިސްލާމީ މަރުކަޒުގައި އީދު ނަމާދުކުރައްވާނީ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފެވެ. އަދި މަސްޖިދުލްމަލިކިލްމާންގެ ހަތީބަކީ އައްޝައިޚް އިބްރާހީމް ރަޝީދު ހަސަނެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހުސް މައިދާންތަކުގައި ނަމާދުކުރެވޭގޮތް ނުވެއްޖެ ހާލަތެއްގައި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން މައުލޫމާތުދެއެވެ. މި އަހަރުގެ ބޮޑު އީދު ދުވަހަކީ ހިނގަމުންމިދާ މަހުގެ 27 ވަނަ ދުވަހެވެ.