English Edition
Dhivehi Edition

އައްޑޫސިޓީގެ ކުނި މެނޭޖު ކުރުމަށް ދެ ކޮމްޕެކްޓާސް ގެނެސްގެން ވެމްކޯއިން މަސައްކަތް ފެށީ ސަމާސާއަކަށް ނޫނެވެ. އޭރި ބޯމަތިވެފައިއޮތް ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ތާއިދު ހޯދާކަށްވެސް ނޫނެވެ. އަދި ކިއެއްތަ، ސަރުކާރުން ރާވާފައިވާ ބިޔަ މަޝްރޫއެއް ތަންފީޒު ކުރުމަށެވެ.

ވެމްކޯ އައްޑުއަށް އައިރުވެސް ކުނިމެނޭޖު ނުވުމުގެ ޝަކުވާ މަދެއްނޫނެވެ. ގަވާއިދުން ކުނިނުނަގާތީ ރައްޔިތުންގޮވާ ފަތިވަރު ކުރެއްނޫނެވެ. އެކަމަށް ހައްލެއް ހޯދައި ދެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތް ދެރައެއްނޫނެވެ. އެވަގުތަކާ އެކަށީގެންވާ ގޮތަށެވެ.

އެންމެފަހުން ސަރުކާރުން ވޭސްޓްމެނޭޖުމެންޓް ކޯޕަރޭޝަން އުފެއްދެވިއެވެ. ހުރިހާ ސިޓީތަކުގެ ކުނި މެޖޭޏުކުރުން އެކުންފުންޏާ ހަވާލުކުރެއްވިއެވެ. އުންމީދީ ފެށުމެކެވެ. ވެމްކޯގެ ޚިދުމަތް އައްޑުއަށްވެސް އަތުވެއްޖެއެވެ. އެކަމަކުވެސް އެކުންފުންޏަށްވެސް އެކަން ނުކުރެވޭ ކަމަށްބުނެ ފުނިފުންޏަށް ޝަކުވާ ކުރިއެވެ. ހަފްތާއަކު ތިންދުވަހު ނަގަން ހަމަޖެހިފައިވާ ކުނި ހަފްތާއަކު އެންމެ ދުވަހަކުވެސް ބައެއް ފަހަރު ނުނެގޭ ގެތައް ހުއްޓެވެ.

މިމަހުގެ ނަވާރަވަނަ ދުވަހު އެހެން މަންޒަރެއް ފެނުނެވެ. ކުރިން ރަށުތެރޭގައި ދުއްވާ ތިންޓަނުގެ 2 ކޮމްޕެކްޓަރގެ އިތުރަށް އެހެން 2 ލޮރީއެއް ކުނި ނެގުމުގައި ހޭލަމޭލަ ވާތަން ފެނުނެވެ. އެއީވެސް ބެލެވޭ ގޮތުގައި ތިން ޓަނުގެ ލޮރިއެވެ. އެ 2 ލޮރީއަކީ ވެމްކޯއިން ކުއްޔަށް ނަގައިގެން އުޅޭ އެމްއާރުޑީސީގެ ދެ ލޮރިއެވެ. ޖުމްލަ 4 އުޅަނދު ބޭނުން ކޮށްގެން ވެމްކޯއިން ދެ ދަންފަޅިއަށް މިހާރު ކުނިނަގައެވެ.

މިއީ ކުނި ނުނެގިގެން ރައްޔިތުން ކުރަމުން ގެންދިޔަ ޝަކުވާތަކަށް ނިމުމެއް އައުމުގެ ފެށުން ކަމުގައިމެނުވީ ނުވާނެއެވެ. ބޮޑެތި ކަންކަން ހަމައަކަށް އަޅުވަން ވަގުތު ބޭނުންވާނެއެވެ. ހާލަތު އެނގި ފަރިތަވާން ޖެހޭނެއެވެ. މިއީ ވެމްކޯއިން ކުރާނެ ކަމެއް ނޭނގިގެން ރައްޔިތުންނާ ސަމާސާ ކޮށްލަންކުރާ ކަމެއް ނޫނެވެ.

ފާއިތުވި ދެތިން ދުވަހު ބައެއް މީހުންގެ ރާގު ބަދަލުވާން ފަށައިފިއެވެ. ފާއިތުވި ދެތިންދުވަހު ގަވާއިދުން ކުނިނަގާ ކަމަށް ބައެއް މީހުން އިއުތިރާފް ވެއެވެ. ކުނިނަގައި ދިނުމަށްއެދި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގެއަކުންވެސް ހަފްތާއަކު ތިންދުވަހު ކުނިނެގޭނެ ކަމަށް މިހާރު ބެލެވެއެވެ. 4 އުޅަނދުގައި ދެ ދަންފަޅީގައި މަސައްކަތް ކުރާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެމްކޯއިން އައްޑޫގައި ދެމުންގެންދާ ޚިދުމަތަށް އަދިވެސް ފައިސާ ނަގަން ނުފަށައެވެ. އެއީ އެންމެ އެދެވޭގޮތަށް ނުވަތަ އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް އެކުންފުންޏަށް އަދި މަސައްކަތް ނުކުރެވޭތީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް އެކުންފުންޏަށްވެސް ހިންދެމިލެވޭނީ ފައިސާވެސް ނަގަން ފަށައިގެންނެވެ. އެއަށްވުރެ ކުރިން ރައްޔިތުންގެ އިތުބާރު ވެމްކޯއިން ގާއިމްކުރަން ބޭނުންވާނެއެވެ. ފައިސާ ނަގަން އަދި ނުފަށަނީ މުޅި އޮޕަރޭޝަން އަދި ހަމައަކަށް ނޭޅޭތީ ކަމަށް ވެދާނެއެވެ.

ވެމްކޯގެ ހަރަކާތްތައް މިހާރު ފެންނަގޮތުން އެއްވެސް ޖެހިލުމެއްނެތި ހަފްތާއަކު ތިންދުވަހު އެމީހުން ކުނިނަގާނެއެވެ. އުންމީދު ކުރެވެނީ އެކުންފުނީގެ ބުރިކަށްޓަށް ބަރުނުވެ މިކަންކުރެވޭނެ ދުވަހަކަށެވެ. އެކުންފުނީގެ ޕްލޭނެއް އެބައޮތެވެ. ތަސައްވުރެއް އެބައޮތެވެ. ބަލަންތިބެމާ ހިނގާށެވެ. ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް ބެލެވެއެވެ.