English Edition
Dhivehi Edition
ޑރ. މަރިޔަމް ޝަކީލާ - ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ދުނިޔޭގެ ބިޒްނަސް ލީޑަރުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ފަރާތްތަކުގެ ލިސްޓްގައި ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރ އަދި ވިޔަފާރިވެރިޔާ، ޑރ. މަރިޔަމް ޝަކީލާ ހިމެނިވަޑައިގެންފި އެވެ.

ކަރޓިން ޔުނިވަރސިޓީ އިން 2004 ވަނަ އަހަރު މާސްޓަރ އޮފް ކޮމާސް އިން މެނޭޖްމަންޓް އަދި 2009 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން މެނޭޖްމަންޓް ޙާސިލްކުރެއްވި ޑރ. ޝަކީލާ ވަނީ އެސޯސިއޭޝަން ޓު އެޑްވާންސް ކޮލީޖިއޭޓް ސްކޫލްސް އޮފް ބިޒްނަސް (އޭއޭސީއެސްބީ) އިންޓަނޭޝަނަލް އިން ހޮވި ‘ކްލާސް އޮފް އިންފްލުއެންޝަލް ލީޑާސް 2020’ ގައި ހިމެނިވަޑައިގެންފަ އެވެ.

އިންސާނީ ޙައްޤުތަކުގެ އިތުރުން ިޞިއްޙަތާއި ތިމާވެއްޓާއި ގުޅޭގޮތުން ވަކާލާތުކުރައްވަމުން ގެންދަވާ ޑރ. ޝަކީލާ އަކީ އޭއޭސީއެސްބީ އިން އެކްރެޑިޓްކޮށްފައިވާ ދުނިޔޭގެ ބިޒްނަސް ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ‘އޭއޭސީއެސްބީ އިންފްލުއެންޝަން ލީޑާސް ޗެލެންޖް’ގައި ބައިވެރިވެވަޑައިގަތުމަށް ހޮވުނު 25 ދަސްވެނިންގެ ތެރެއިން އެއް ބޭފުޅެވެ.

ޑރ. ޝަކީލާ ގެންދަވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ އެއް ކުންފުނި ކަމަށްވާ ސިމްޑީ ގްރޫޕްގެ ސީއީއޯކަންވެސް ކުރައްވަމުންނެވެ.

މީގެ އިތުރުން ޑރ. ޝަކީލާ އަކީ ގިނަ އަދަދެއްގެ އެންޖީއޯތައް ހިންގަވަމުން އަންނަ ބޭކަނބަލަކަށްވާއިރު، އެކަމަނާ އަކީ ރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހޮނަރަރީ ކޮންސަލްވެސް މެއެވެ. އެކަމަނާ ވަނީ މޫސުމީ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކުގެ އިތުރުން އެހެނިހެން އިޖުތިމާޢީ މައްސަލަތަކާއި ގުޅިގެން ބާއްވާ ގިނަ މަޝްވަރާ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެން، މުހިންމު ރޯލެއް އަދާކުރައްވައިފަ އެވެ.

ޑރ. ޝަކީލާ އަށް އޭއޭސީއެސްބީ އިންޓަނޭޝަނަލްގެ ‘ކްލާސް އޮފް އިންފްލުއެންޝަލް ލީޑާސް 2020’ އެވޯޑް ލިބިވަޑައިގަތުމާއި ގުޅިގެން ކަރޓިން ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ބިޒްނަސް އެންޑް ލޯގެ ޕްރޯ ވައިސް-ޗާންސެލަރ ވަނީ އެކަމަނާގެ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ ދަންނަވައިފަ އެވެ.

“ޑރ. ޝަކީލާ ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑްގެ ޗެއާޕާސަންކަމާއި، އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލް ސްކައުޓްސް އެންޑް ގައިޑްސް ފެލޯޝިޕްގެ ރީޖަނަލް ކޮމިޓީގެ ވައިސް-ޗެއަރ އާއި ނިއު ދިއްލީގެ ޔުނައިޓެޑް ނޭޝަންސް ވިމެންގެ މެންބަރުކަން އަދި އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުތައް ފަދަ ރޯލްތަކުން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާފައި”، ޕްރޯ ވައިސް-ޗާންސެލަރ ވިދާޅުވި އެވެ.

މި އެވޯޑް ލިބިވަޑައިގެންނެވުމާއި ގުޅިގެން ޑރ. ޝަކީލާ ވިދާޅުވީ ދުނިޔޭގެ ބިޒްނަސް ލީޑަރުންނާއި އެއް ސަފެއްގައި އެކަމަނާގެ މަސައްކަތް އޭއޭސީއެސްބީ އިން ބަލައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

އޭއޭސީއެސްބީ އަކީ ހަރުދަނާ ރަނގަޅު ލީޑަރުން އުފެއްދުމަށްޓަކައި ކިޔަވައިދޭ މުއައްސަސާތަކާއި، ދަރިވަރުންނާއި ވިޔަފާރިތައް ގުޅާލަދިނުމުގައި މަސައްކަތްކުރާ އެންޖީއޯ އެކެވެ.