އިންޓަނޭޝަނަލް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އައިއެސްޖީއެފް) އޭޝިއާ ޕެސިފިކް ރީޖަން ގެ ޗެއަރމަން އަކަށް ޑރ މަރިޔަމް ޝަކީލާ އައްޔަންކޮށްފިއެވެ.
އައިއެސްޖީއެފް ގެ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޗެއަރމަންކަން މިހާރުވެސް ކުރައްވަވަމުން ގެންދަވާ ޑރ ޝަކީލާ، ޗެއަރމަން ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މީގެ ކުރިން އެ މަގާމު އަދާކުރައްވަވަމުން ގެންދެވި ބްރަޔަންޖެކްސަން ގެ ސިއްޙީ ހާލަތު ހުރި ގޮތުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެސްޖީއެފްއަކީ ގައިޑިންގ އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
‘އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޑރ ޝަކީލާ ވިދާޅުވީ ޗެއަރމަން ބްރަޔަން ގެ ސިއްހީ ހާލުކޮޅުގެ ސަބަބުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެ ލެއްވެވުމާ ހަމައިން ވައިސް ކޮމިޓީ ޗެއަރމަންގެ ހައިސިއްޔަތުން ޗެއަރމަންގެ ޒިންމާ މިހާރުވެސް އަދާކުރައްވަވާ ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީގެ މެމްބަރުން ބޭނުންފުޅުވީ ޗެއަރމަންގެ މަގާމަށް އައްޔަން ކުރުމަށް ކަމަށާއި އަދި މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކު ވޯޓަކުން އެ މަގާމަށް ހޮވިވަޑައިގެންނެވީ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގެ ހެލްތް މިނިސްޓަރ ކަމާއި އެންވަޔަރަންމަންޓް މިނިސްޓަރ ކަން ވެސް ކުރެއްވެވި ޑރ. މަރިޔަމް ޝަކީލާ އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕްގެ ސީއީއޯއެވެ. އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގަވަމުން ގެންދަވާ ޑރ ޝަކީލާ އަކީ އޮސްޓްރޭލިއާގެ ކާޓިއުން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓްގެ އެޑްވައިޒަރީ ބޯޑުގެ ވެސް މެންބަރެކެވެ. އަދި ކާޓިއުން ބިޒްނަސް ސްކޫލުގެ އެމްބީއޭ އެންޑް އެގްޒެކެޓިކް އެޑިއުކޭޝަންގެ ޗެއާރ ވެސް މެއެވެ. މީގެ އިތުރުން ޑރ ޝަކީލާ ގެންދަވަނީ ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސިލްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ. ޑރ ޝަކީލާ ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑައިބްލިއުއެޗްއޯޯ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ޔޫއެން ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ފުރަތަމަ ވާހަކަދެއްކެވި އަންހެން ބޭފުޅަކީވެސް ޑރ ޝަކީލާއެވެ.