English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުމާއި އަންހެނުންކުރާ މަސައްކަތުގެ އަގު ވަޒަންކުރާ 2 ޖަމިއްޔާއަކުން ޑރ މަރިޔަމް ޝަކީލާ އަށް އެވޯޯޑު އަރުވައިފިއެވެ.

ސައުތު އޭޝިއަން ވިމެން ޑިވެލޮޕްމަންޓް ފޯރަމުން އިންތިޒާމުކޮށްގެން ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ވިމެންސް އޮންޓްރަޕްރަނާޝިޕް ސަމިޓް 2019 ގައި އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ އެތީނާ އިންޓަނޭޝަނަލް އިން ވިޔަފާރިވެރިންގެ ދާއިރާގެ އެކްސެލެންސް އެވޯޑު ޑރ ޝަކީލާއަށް ވަނީ އަރުވާފައެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ 6 އިން 7 އަށް އިންޑިޔާގެ މަދްޔަޕްރެދޭޝްގައި ކުރިއަށް ގެންދިޔަ ގްލޯބަލް ސަމިޓް އޮފް ވިމެން އޮންޓްރަޕްރެނިއަރޝިޕްގައި މާވޭ ގްލޯބަލް ވިމެން އެވޯޑު ވެސް ޑރ ޝަކީލާއަށް އަރުވާފައިވެއެވެ.

ކަތުމަންޑޫގައި ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ވިމެންސް އޮންޓްރަޕްރަނިއަރޝިޕް ސަމިޓް 2019 ގައި އެތީނާ އެވޯޑު ހަވާލުކޮށްދެއްވެވީ ނޭޕާލުގެ ނައިބް ރައީސް އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހެލްތް މިނިސްޓަރު ކަމާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެންވަޔަރްމަންޓް މިނިސްޓަރު ކަންވެސް ކުރެއްވެވި ޑރ ޝަކީލާ އަށް އަކީ އޮސްޓްރޭލިއާގެ ކާޓިއުން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓްގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެކެވެ. މީގެ އިތުރުން ޑރ ޝަކީލާ ގެންދަވަނީ ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސިލްގެ މަގާމު ވެސް އަދާކުރައްވަވަމުންނެވެ.

އައްޑޫވިމެންސް އެސޯސިއޭޝަންގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގަވަމުން ގެންދަވާ ޑރ ޝަކީލާ އަކީ ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގައި ވެސް އިސްމަގާމު ފުރުއްވަވަމުން ގެންދަވާ އިޖުތިމާއީ ކަނބަލެކެވެ. މީގެ އިތުރުން ސިމްޑި ގުރޫޕްގެ ސީއީއޯގެ މަގާމުގައި ހުންނަވައިގެން ވިޔަފާރީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ޑރ ޝަކީލާ ވަނީ ގިނަ ދާއިރާތަކަކުން ރާއްޖޭގެ އަންހެނުންނަށް ފުރުސަތު ހޯއްދަވާ ދެއްވަވާ އަންހެނުން ބާރުވެރިކުރުމަށް ބޮޑަ މަސައްކަތް ތަކެއް ކުރައްވަވާފައެވެ.