އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ މަސައްކަތުގެ އަގު ވަޒަންކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ އެތީނާ އިންޓަނޭޝަނަލް އިން ދޭ ބައިނަލްއަގުވާމީ އެކްސެލެންސް އެވޯޑް ރާއްޖޭގެ އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސް (އެމްޑަބްލިއުސީސީ)އަށް މިއަހަރު ލިބިއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ މި އެވޯޑް އެމްޑަބްލިއުސީސީ އަށް ލިބިފައި ވަނީ ސައުތު އޭޝިއަން ވިމެން ޑިވެލޮޕްމަންޓް ފޯރަމުން އިންތިޒާމުކޮށްގެން މިހާރު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ އިންޓަނޭޝަނަލް ވިމެންސް އޮންޓްރަޕްރަނާޝިޕް ސަމިޓް 2019 ގައިއެވެ. މި އެވޯޑާއި އެމްޑަބްލިއުސީސީ ގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ރައީސާ، އަދި ވިޔަފާރިވެރިޔާ ޝީޒާ އިމާދެވެ.
ރޭގައި ރާއްޖޭގެ އެހެން ފަރާތަކަށް ވެސް ވަނީ ބައިނަލްއަގުވާމީ އިތުރު އެވޯޑެއް ހަމަ އެ ރަސްމިއްޔާތުގައި ލިބިގެން ގޮސްފައެވެ. ވިޔަފާރިވެރިންގެ ދާއިރާއިން އެކްސެލެންސް އެވޯޑު ލިބުނު އިތުރު ފަރާތަކީ ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ކުރީގެ ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާއަށެވެ.
މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސްއަކީ 2015 ވަނަ އަހަރު ޝީޒާ އިމާދާއި އިތުރު އަންހެން ވިޔަފާރިވެރިންތަކެއްގެ އިސްނެގުމުގެ މަތިން ޤާއިމުކުރި ޖަމިއްޔާއެކެވެ. މިއަދާ ހަމަޔަށް އެ ޖަމިއްޔާ އިން ދަނީ ދުނިޔޭގެ ގިނަ ޖަމިއްޔާތަކަކާ ގުޅި، ދިވެހި އަންހެން ވިޔަފާރިވެރިންނަށް ތަފާތު ފުރުސަތުތަކެއް ފަހިކޮށްދެމުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
“އަންހެން ވިޔަފާރިވެރިންނަށް ބޭންކުތަކުން ލޯނު ހޯދައިދިނުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންނަށް ތަފާތު ޓްރެއިނިންގް ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަން،” އެ ޖަމިއްޔާގެ ރައީސާ ޝީޒާ އިމާދު ވިދާޅުވިއެވެ.
އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ އަންހެން ވިޔަފާރިވެރިން ހިމެނެއެވެ.