މި ގައުމުގައި ހައްޤުބަސް ބުނާ މީހުންނަށް ދިރިހުރުމުގެ ހައްގެއް ނެތްކަމަށާއި ދެން ބޭނުންވަނީ ގައުމު ދޫކޮށް ދާންކަމުގައި ޚާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވަމުން އަންނަ އަދި ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާން ވިދާޅުވެއްޖެއެވެ.
ހިޝާންއަށް މަރުގެ އިންޒާރުދިނުމަށްފަހު ބަޔަކު އޭނާއަށް ފާރަލަމުން ދާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ހިޝާން މީގެ ކުރިން ވިދާޅުވީީ މަރުގެ އިންޒާރު ދެމުންދަނީ ގޭންގުތަކުން ނޫން ކަމަށާއި އެއީ ބައެއް މުއައްސަސާތަކުގައި ތިބޭ ބަޔަކު ކުރާ ކަމެއް ކަމަށެވެ. މީގެ އިތުރުން ހިޝާން ބުނީ 2013 ވަނަ އަހަރުން ފެށިގެން އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާކަމަށާއި އެހެންނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް މި ފަހަރު ފުލުހުން ކަންތައް ކުރީ ވަރަށް ރަގަޅަށް ކަމުގައެވެ، އެގޮތުން ކުރިން މައްސަލަ ހުށަހެޅުމުން ދެން އެހިސާބުން އެ ނިމުނީ ކަމަށާއި ނަމަވެސް މިފަހަރު ދިމާވި މައްސަލައާއި ގުޅިގެން ފުލުހުންނާއި ސަރުކާރުގެ އިސް ބޭފުޅުން ގަވާއިދުން އޭނާއަށް ގުޅުއްވައި، ހާލު ބައްލަވާކަމަށް ހިޝާން ވިދާޅުވިއެވެ.
ހިޝާން ކުރިން މިހެން ވިދާޅުވެފައިވާއިރު އޭނާ ރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 18 އަހަރު ވަންދެން ނިކަމެތިންގެ ހައްގު ހޯދުމަށް މަގުތަކަށް ނުކުމެގެން ކުރި މަސައްކަތުގެ ހަދިޔާ އަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރުކަމަށެވެ. “މި ވަރުން ފުދެ. ދެން ބޭނުމީ ގައުމު ދޫކޮށްފަ ދާން”ހިޝާން ވިދާޅުވިއެވެ. ހިޝާން ކުރި އެހެން ޓުވިޓެއްގައި ވިދާޅުވީ މި ގައުމުގައި ހައްގު ބަސް ބުނާ މީހަކަށް ދިރިހުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ” އަހަރެން މިހާތަނަށް ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ހިޝާން ވިދާޅުވިއެވެ.
Migaumuga haggu Bas bunaa meehunnakah dhirihurumuge haggeh neiy. Aharen mihaathanah kuri masaiyykathuga eheetherivi hurihaa faraathakah varah bodah shukuru dhannavan. E faraaiyythakun dhin hivvaraai kohdhin masakkathah varah bodah shikuriyya.
— Ahmed Hishan (@AhmedHishan) January 29, 2020
އެކި ފަހަރުމަތިން ހިޝާންއަށް މަރުގެ އިންޒާރުދީފައިވާއިރު ހިޝާން ލަފާ ކުރާ ގޮތުން މި ފަހަރު އޭނާއަށް މަރުގެ އިންޒާރުދިނީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކާ ދެކޮޅަށް ކޯޓަށް ވައްދާފައި އޮތް މައްސަލައެއް އެމީހުންނަށް އެއްކޮޅަށް ނިމުމުން، އެމީހުންގެ މައްޗަށް ދައުވާކުރި މީހުން ހިތްހަމަ ނުޖެހިގެންނެވެ.
އެންމެ ފުރަތަމަ ގިނަ ބަޔަކަށް ހިޝާން އެގިގެން ދިޔައީ މުޖުތަމައުގައި ހުރި މައްސަލަތަކައި ގުޅޭގޮތުން ޝުޢޫރުތައްލިޔެ، ބޯޑުތައް ހިފައިގެން އެކަނިމާއެކަނި މުޒާހަރާކުރި “ހިމޭން މުޒާހަރާގެ ވެރިޔާ” ގެ ގޮތުގައެވެ.