English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ޓްވިޓާ (ޕީއެސްއެމް / އީސީ)

ކުރިއަށް އޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ފިރިހެނުންނަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަޙްމަދު އަކްރަމް ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަކްރަމް ވިދާޅުވެފައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލެވޭނީ އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ކަނބަލަކަށް ކަމަށެވެ.

އެހެންނަމަވެސް އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ލިބިގެންވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް މިހެން ވިދާޅުވިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަވާ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙަށް ގިނަ ބައެއްގެ ތަޢުރީފް އޮހެމުންދާއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމާމެދު ނުރުހުންތެރިކަން ފާޅުކުރަމުންނެވެ. އެކަމާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން އުފެދި އަދި އެންމެ ބޮޑަށް ސިޔާސީ މަސްރަޙް ހޫނުވެފައިވަނީ ސިޓީތަކުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްލަ 384 އަންހެން ކައުންސިލަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މި އަހަރު ޖުމްލަ 929 މެންބަރުން އިންތިޚާބު ކުރެވިގެންދާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.