English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި އެ ބޭންކްގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިފެށޭ ފެބްރުއަރީ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ މަޤާމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ބޭންކިންގ އާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ކިބައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ ‘ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް’ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަރަތް ހުރުން ލާޒިމް ކަމަށާއި، އަދި ބޭންކްގެ ހިންގާ ޤަވާއިދުގެ ދަށުން ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށްވެސް ވާންވާނެ ކަމަށެވެ.

މީގެ އިތުރުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އެ ފަރާތަކީ ބޭންކްގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ކެރިކުޅަދާނަ ވެގެންވާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ބޭންކްގެ ބޯޑުގައި ‘ޖެންޑަރ ޑައިވަރސިޓީ’ ހިމެނުމަށް ނުވަތަ ދެ ޖިންސުގެ ހަމަހަމަކަން ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ކަނބަލުން ކުރިމަތިލުމަކީ އެ ބޭންކުން އަބަދުވެސް މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ.

ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން، އެޕްލިކޭޝަން ފޯމާއި، އެފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީއެމްއެލްގެ ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ހުށަހަޅަންޖެހޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ އެޕްލިކޭޝަން ފޮނުވާނީ ބީއެމްއެލްގެ ސެކްރެޓަރީގެ އީމެއިލް [email protected] އަށެވެ.

އެކަމަށް އެދޭ ފޯމް ބީއެމްއެލްގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި، ބޭންކްގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެ އެވެ.