English Edition
Dhivehi Edition
މިއަހަރުގެ އޭބީއޭ ކޮންފަރެންސް ރާއްޖޭގައި

މިއަހަރުގެ އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ކޮންފަރެންސް އިންތިޒާމުކޮށް ބާއްވަނީ ބީއެމްއެލްގެ ފަރާތުންނެވެ.

ބީއެމްއެލްއިން ބުނީ، މިއަހަރުގެ އޭބީއޭ ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 1 އިން 3 އަށް ކަމަށެވެ. މިއީ އޭޝިއާ ސަރަހައްދުގެ ބޭންކިން ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މާލީ މުއައްސަސާތައް އެއްވެ، ދާއިރާގެ ކުރިއެރުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.

މި ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އައްޔަންކޮށްފައެވެ. މިއީ މި އިސް މަގާމަށް ދިވެހިއަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.

އޭބީއޭގެ ޗެއާމަންކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ, މި ކޮންފަރެންސާއި އެސޯސިއޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި އޭޝިއާ ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މެންބަރު މުއައްސަސާތަކާ ގުޅިގެން ގާތުން މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.

1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް ސަރަހައްދީ ޖަމިއްޔާއެވެ. ބީއެމްއެލްއިން ބުނީ، މިފަދަ ބޮޑު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމާއި ސަރަހައްދީ ބޭންކިން ލީޑަރޝިޕުގައި ރާއްޖެ ތަމްސީލުވުމަކީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.