English Edition
Dhivehi Edition
ބީއެމްއެލް މޯބައިލް އެޕް: ފޮޓޯ ފަރުދުން

ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލައި ބީއެމްއެލްއިން ކުރިއަށްގެންދާ ސްކީމުގެ ދަށުން ލިބޭ ނަފާ އާއި އިންވެސްޓްކުރި ފައިސާ ޑޮލަރުން ދޭން ފަށައިފިއެވެ.

ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބީއެމްއެލްއިން މި ސްކީމް ތައާރަފްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ކުރިން އޮތް ގޮތުން، މި ސްކީމުގެ ދަށުން އިންވެސްޓްކުރާ ޑޮލަރަށް ހަމަ އެ ވަގުތު ދިވެހި ރުފިޔާ ލިބޭއިރު، ޖެހިގެން އަންނަ ދުވަހު އެ ޑޮލަރު ބޭންކުން އެކި ކަންކަމަށް ހަރަދުކޮށްގެން ލިބޭ ފައިދާއިން 25 ޕަސަންޓު ޑޮލަރުން އިންވެސްޓަރުންނަށް ދެއެވެ.

ނަމަވެސް، ބީއެމްއެލްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފޮރެކްސް އިންވެސްޓްމަންޓުގެ ހިދުމަތް މިހާރު އިތުރަށް ފުރިހަމަކޮށް، އިންވެސްޓްކުރާ އަދަދާއި އޭގެ ފައިދާވެސް ޑޮލަރުން ޖަމާވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

“ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފައެވެ. މި އިންވެސްޓްމަންޓުން ލިބޭ ނަފާ އާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުންނެވެ،” ބީއެމްއެލްއިން ބުންޏެވެ.

އެ ބޭންކުން ބުނި ގޮތުގައި، އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން އިންވެސްޓްކުރި އަދަދު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނީ ރަސްމީ އެކްސްޗޭންޖު ރޭޓުގައެވެ.