މި އަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 646.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ގައުމީ ބޭންކުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިއީ ބޭންކުގެ ވިޔަފާރިތައް ކުރިއަރަމުންދާކަން ހާމަކޮށްދޭ މުހިންމު ކުރިއެރުމެކެވެ. މި މުއްދަތުގައި ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް ހިފެހެއްޓިފައިވާ އިރު، މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ވަނީ އެދެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ލޯނުތަކާއި ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތަކުގެ މިންވަރު ހިމެނެއެވެ.
ބޭންކުގެ ރައުސްމާލާއި ދިޔާވެށިކަމުގެ ނިސްބަތްވެސް ހުރީ ގަވާއިދުން ހުންނަންޖެހޭ މިންގަނޑަށްވުރެ މަތީގައެވެ. މިއީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ.
ގައުމީ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އޭޓީއެމްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ތަރައްގީކުރުން ހިމެނެއެވެ.