English Edition
Dhivehi Edition

“އެއީ ކުޅިވަރަށް ލޯބިކުރާ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ޒުވާނެއް”. ” އެއީ ދާއިރާ ދެކެ ލޯބިވާ ޚިދުމަތްތެރިއެއް”. ” އެއީ މީހުންނާއި ގުޅޭ ހިތްތިރި މަޑުމައިތިރި މިޒާޖެއްގެ ވެރިއެއް”. މިއީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން ފަލަކް ޝިނާޒް އަކީ ކާކުތޯ މީހުންކުރެން އަހާލުމުން ލިބިގެންދިޔަ ބައެއް ޖަވާބުތަކެވެ. ފާހަގަ ކޮށްލެވުނީ ޝިނާޒް ދަންނަ މީހުން ގިނަ ކަމެވެ. ޚާއްސަކޮށް އިޖްތިމާޢީ އަދި ކުޅިވަރުގެ މައިދާނުގައި ޝިނާޒް ފާހަގަ ވެފައިވަނީ މީހުންނަށް އެހީ ފޯރުވާ ދީލަތި މީހެއްގެ ގޮތުގައެވެ.

“ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް” އިން މަތީ ތަޢުލީމު ޙާސިލް ކުރައްވައިގެން ލެގޫނާ މޯލްޑިވްސްގައި އެފް.އެން ބީ ކޯޑިނޭޓަރގެ ވަޒީފާ އަދާ ކުރުމަށް ފަހު ޝިނާޒް ވަނީ އޭނާގެ ކެރިއަރ އެހެން ދިމާއަކަށް ބަދަލު ކޮށްފައެވެ. ޤަތަރު އެއަރވޭސް ފަދަ ބައިނަލް އަޤްވާމީ އެއަރލައިނެއްގެ ކެބިންކްރޫއަކަށް ދިޔަ ފުރަތަމަ ބެޗްގައި ހިމެނުނު 6 ދިވެހިންގެ ތެރޭގައި ހޮވި ޝިނާޒް ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.

ގިނަ ޢަދަދަކަށް މީހުން ކުރިމަތިލި އެވަޒީފާގެ އިންޓަވިއު އިން ޝިނާޒް ވަނީ ފުރިހަމަ ކާމިޔާބީ އެއް ހޯއްދަވާފައެވެ.

” އެއީ ވަރަށް އާދައިގެ ގޮތަކަށް ހިނގި ކަމެއް. އެފުރުސަތު އޮތްވާހަކަ މީހަކު ބުނުމުން ހިތަށް އެރީ ކުރިމަތިލާން. ވާދަކުރި އެތައް ސަތޭކަ މީހުންނެއްގެ ތެރެއިން އަޅުގަނޑު ހޮވޭނެ ކަމަކަށް ހިތަކަށްވެސް ނާރާ. ޝޯޓްލިސްޓް ވެގެން އައިމަ ގަބޫލު ކުރެވުނީވެސް. ”

ހޮސްޕިޓަލިޓީ ދާއިރާއަށް ހުންނެވި ޝައުޤާއެކު އެއަރލައިން ގައި މަސައްކަތް ކުރުން ޝިނާޒަށްވީ ފަސޭހަކަމަކަށެވެ.

 

” އެފުރުޞަތު ލިބުމުން ވަޒީފާގައި ދެމިހުރީ ދުނިޔެ ބަލާލެވޭތީ. ތަފާތު އެތައް މާޙައުލެއް ތަޖުރިބާ ކޮށްލަން ފުރުސަތު ލިބޭތީ. ކޮންމެ ދުވަހަކުހެން ބައްދަލު ވަމުން ދިޔައީ އެތައް ޤައުމެއްގެ އެތައް ނަސްލެއްގެ މީހުންނާއި. ވަރަށް ބޮޑަށް ދުނިޔޭގަ ހިނގާ ކަންތަކާމެދު ލޯހުޅުވިގެންދިޔަ ކަމަކަށް އެކަން ވީ.”

ޅަޒުވާން ޢުމުރުގައި މިހުރިހާ ހަރުފަތްތަކެއް ގިރާކުރަމުން ކުރިއަށްދާ އިރުވެސް މެދުނުކެނޑި އެހެންނަމަވެސް މަޑު މަޑު ރާގެއްގައި ޝިނާޒް ދިޔައީ އޭނާގެ ސިކުނޑި އަބަދުވެސް އެކަމަކަށް އެދި އެދި އޮތް “ސިޔާސީ ފިކުރު” ފައްކާ ކުރަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމެން ޖެހިއްޖެ ކަމަށް ދިވެހިންގެ އެތައް ބަޔަކު ޤަބޫލު ކޮށް އެކަމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ދަނޑިވަޅު ސޯޝަލްމީޑިއާއާއި އަމިއްލަ ވެބްސައިޓްތަކުގައި ޝިނާޒް ވަނީ އަޑު އުފުއްލަވާފައެވެ.

ރާއްޖެއާއި އެތައް މޭލު ދުރުގައި ދުނިޔޭގެ ވައިގެ ތެރޭ، އެއް ބައްރުން އަނެއް ބައްރަށް ދަތުރު ކުރުމާއިގެން އަވަދިނެތި އުޅުއްވަނިކޮށް ދިވެހިންގެ ހިތްތަކުގެ ރައީސް ، ރައީސް ނަޝީދުއާއި ބައްދަލު ވުމުގެ ފުރުސަތު ލިބުނު ދުވަހަކީ އަނެއްކާވެސް ޝިނާޒްގެ ޙަޔާތަށް ބޮޑު ބަދަލެއް ގެނުވި ދުވަހެކެވެ.

” ރައީސްނަޝީދު ވިދާޅުވި މާލަސްވެސް ވެއްޖެއޭ ،ޤައުމު ބިނާ ކުރުމަށް ޒުވާނުން ވަރަށްމުހިއްމޭ. އަމިއްލަ ފަސްގަނޑުގައި އަމިއްލަ ވަޒަނަށް ކުޑަ ނަމަވެސް ކަމެއް ކޮށްދެވިއްޖެ ނަމަ އޭރު ތިބި ހަރުފަތުން އެހެން ހަރުފަތަކަށް ދިއުމުގައި ބާރަކަށް ވެގެންދާނެއޭ . އަޅުގަނޑަށް ވަރަށް ބޮޑަށް އެވިދާޅުވީ ތެދެއްކަން ޤަބޫލު ކުރެވުނު. ލަގްޒަރީ ދިރިއުޅުމުގެ އުފަލާއި މަޖަލުގައި އެހެން ބޭރުގައި އުޅެވިދާނެ. އެކަމަކު ރަށުގައި ތިބި ޢާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އަޅުގަނޑުގެ ފަރާތުން ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެ. އެހާހިސާބުން އަޅުގަނޑު ނިންމީ ރާއްޖެ ބަދަލުވާން. ”

ކިޔަވައިގެން ބައެއް މީހުން އެހެން ޤައުމުތަކުން ރައްވެހިކަން ހޯދާ އެތަންތާ ދިރިއުޅެމުން އަންނަ އިރު މިއީ ޝިނާޒް އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. ” އަޅުގަނޑަށް މިހާރުވެސް އެންމެމީރީ ދިވެހި ކެއުންތައް. އަބަދުވެސް އެންމެ އުޅޭހިތްވާ ތަނަކީ ހަމަ އައްޑޫ. އަމިއްލަ ފަސްގަނޑަށް ވުރެ އިސްކަން ދެވޭ އެހެން އެއްވެސް ތަނެއް ނޯންނާނެ. ”

ޝިނާޒްއަށް މާލެ ބަދަލު ވުމުގެ ފުރުސަތަކީވެސް ފަހި ފުރުސަތެކެވެ. ބޭނުން ޤައުމެއްގައިވެސް އުޅެވިދާނެއެވެ. އެހެނަސް އޭނާ ސާބިތުވެ ހުންނަން ބޭނުންވަނީ ހަމަ އުފަން ރަށުގައެވެ. ރަށަށް ކުރިއެރުން ހޯދައިދިނުމާއިގެންނެވެ. ” އަޅުގަނޑުގެ ޒުވާން އުމުރު މިހޭދަ ކުރަނީ އައްޑުއަށް ރަނގަޅުގޮތް ހޯދައިދެވޭތޯ”.

2005 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީއާއި އެކު ޝިނާޒް ކުރަމުން އަންނަ ދަތުރުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކޮށްގެން ނާކާމިޔާބީއާއި ކުރިމަތި ލާން ޖެހުނެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް ޝިނާޒް ދިޔައީ ޕާޓީއާއިގެން ބާރަށް ކުރިއަށެވެ. ފަސް އެނބުރި ބެލުމެއް ނެތިއެވެ.

 

އެމްޑީޕީ ހިތަދޫ އުތުރު ދާއިރާގެ ސެކްރެޓަރީ ކަމުގައި ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު އައްޑޫސިޓީ ހިތަދޫ އަވަށު ބޯޑުގެ ވެރިޔާގެ ގޮތުގައި ޝިނާޒް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

“އެއީ 17 ވަނަ ސާކްސަމިޓް އައްޑޫ ގައި ބޭއްވުމަށްޓަކައި ބިޔަ މަޝްރޫޢު ތަކެއް ހިންގި ދަނޑިވަޅެއް. އެކަމުގައި އަވަށު ބޯޑުގެ ދައުރު ވަރަށްވެސް ފުޅާ. ރެޔާއި ދުވާލު ނުނިދާ ހޭލާ ތިބެގެންވެސް ކުރިމަތިވި ހުރިހާ ގޮންޖެހުންތައް ގިރާ ކުރަމުން ހިތަދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫ ނައަރުވާ ކުރު މުއްދަތެއްގެ ތެރޭ މަސައްކަތް ކޮށްގެން ކާމިޔާބު ކުރެވުނު އެކަންތަކުގައި އަޅުގަނޑުގެ ބައިވެރިވުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނިން.”

ސާކްސަމިޓްގެ ނިމުމާއެކު އެމްޑީޕީ ކުރިމަތިލާން ޖެހުނު އަނދިރި ދުވަސް ތަކުގެ ތެރޭ ވެރިކަން ބަދަލުވެގެން ހިނގާދިޔަ ހުރިހާ ހައިޖާނެއްގައި ޝިނާޒް ސާބިތުކަމާއެކީ ޕާޓީއާއެކު ދިޔައީ ކުރިއަށެވެ. މިދިޔަ ދުވަސް ތަކުގެ ތެރޭގައި ޝިނާޒް ވަނީ ގިނަ ތަޖްރިބާތަކެއް ސިޔާސީ މައިދާނުގައި ހޯއްދަވާފައެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި އައްޑުއަށް ތަރައްޤީ ގެނައުމުގައި ހުރި ހުރަސް ތަކާއި އެކަން ކަން ގިރާކޮށް އަމާން ބަނދަރަކަށް ވާސިލް ވެވޭނެ ގޮތުގެ ދިރާސާތައް ވަރަށް ފުރިހަމައަށް ހައްދަވާފައިވެއެވެ.

ޝިނާޒްގެ އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ ލާމަރްކަޒީ ޤާނޫނަށް އަހުލުވެރި ވެފައިވާ މިންވަރުގެ ބޮޑުކަމެވެ. އައްޑޫސިޓީގައި ކުރެވެމުންދާ ހުރިހާ ކަމެއް ގާތުން ބައްލަވާ މަޢުލޫމާތު އެއްކުރައްވާ ހައްދަވާ ކަމުގެ ހެކިތައް ބައިވަރެވެ.

މިފަސްގަނޑުގައި ހިނގާ ހުރިހާ ކަމަކަށްވެސް އޭނާ ފަރިތައެވެ. ރައްޔިތުންގެ ޚާދިމަކަށް މިއަށްވުރެން ވަކި ބޭނުންވާނެ އެހެންކަމެއް އޮންނާނެތޯއެވެ. ލާމަރްކަޒީ ޤާނޫނަށް ބޮޑެތި އިސްލާޙުތައް ގެނެވި އާރާއި ބާރު ލިބިފައިވާ މި ދަނޑިވަޅުގައި ސިޓީގެ ހިންގުންތެރިން ވާންޖެހޭނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތް ދެވޭ ފަދަ ޤާބިލް ބަޔަކަށެވެ. ޝިނާޒު ޤަބޫލު ކުރާ ފަލްސަފާއަކީވެސް މިއީ އެވެ.

” ކުރަން މިއުޅެނީ ކޮންކަމެއް ކަން އެނގެން ޖެހޭ . ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދޭން. ސަރުކާރުން ސިޓީގައި މެގަ ޕްރޮޖެކްޓް ތަކެއް ހިންގާއިރު ރައްޔިތުން އެންމެ ބޭނުންވާ ގޮތް ސަރުކާރަށް އިއްވައިދީގެން ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަން ކުރަން ތިބި ބަޔަކީ ކައުންސިލަރުން. މުނިސިޕަލް ޚިދުމަތާއި ރައްޔިތުންގެ ލުއިފަސޭހައަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލް އޮންނަންވާނެ ވަރަށް ގާތުގައި. ”

ޝިނާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމާގުޅޭ ސަރުކާރުގެ މުވައްސަސާތަކުގެ ސަމާލުކަން އެކަންކަމަށް ގެނައުމާއި އަދި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ކައުންސިލް ވާން ޖެހޭނެއެވެ.

ޝިނާޒް ގެ ވެސް ބައިވެރި ވުމާއެކު އައްޑޫގައި ހެދި ވަޢުދުނާމާ ގިނަ ބަޔަކު ޤަބޫލު ކުރަނީ ހުވަފެނީ އެއްޗެއްގެ ގޮތުގައި ކަމަށްވިޔަސް ޝިނާޒް ޤަބޫލު ކުރައްވާ ގޮތުގައި ތަޞައްވުރެއް ނެތި ލިބޭނެ ކުރި އެރުމެއްވެސް ނޯންނާނެއެވެ. އެހެންކަމުން މިހާރުވެސް އެންމެން ނަގާކިޔާ ފަތުރުވެރި ކަމުގެ ދާއިރާއިން ޝިނާޒްގެ ތަޞައްވުރެއް އެބައޮތެވެ.އެއީ 2035 ވަނަ އަހަރާއި ހަމަޔަށް އަންނަ އިރު އައްޑޫގައި 25000 އެނދު ތަރައްޤީ ކުރުމެވެ.

” އެފަދަ ޢަޒުމެއް އޮވެގެން ނޫން ގޮތަކަށް ބޭނުންވާ ލަނޑު ދަނޑި ޙާސިލެއް ނުކުރެވޭނެ”. ތެދު ވާހަކައެކެވެ. އޭގެ ހެކި ގާތުން ފެންނަން ވެސް އެބައޮތެވެ.

ގެސްޓްހައުސްގެ ވިޔަފާރީގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން އޭރު އެކަމަށް ޖޯކު ނުޖަހާ މީހެއް މަދެވެ. ތާއީދު ކުރި މީހުންވެސް ތިބީ ޝައްކެއްގައެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ އެކަން ޙަޤީޤަތަކަށް ވެފައިވާ މަންޒަރެވެ. ރާއްޖެއާއި ގުޅޭ ހަމައެކަނި ކޮންސެޕްޓަކީ ވަކިރަށްތަކެއްގައި ހެދޭ ރިސޯޓުތައް ކަމަށް ބުނިބުނުން ބޮލާލާ ޖެހުމަށްފަހު މިއަދު މިފެންނަނީ ގޭތެރެއިންވެސް ފަތުރުވެރިކަން ތަރައްޤީ ވާ މަންޒަރެވެ.

“ޖީބަށް ޑޮލަރޭ” ބުނި ބުނުމަށް ހަޖޫ ޖެހީ ކިތައް މީހުންތޯއެވެ. އެހެނަސް އެހުވަފެން ހަޤީޤަތަކަށް ވާން ނެގީ ފަޅި ސިކުންތެކެވެ. ދޮންމީހުންނާއެކު ގައިގޯޅި ވެގެން ކުރިމަތިވާނެ ނޭއްގާނީ އެތައް ކަމެއްގެ ވާހަކައިން ޚަބަރުތަކުގެ ފަލަ ސުރުޚީ ފަވަމުން ދިޔައިރު އެއިން އެއްވެސް ކަމަކުން ބަދަލު ވި މީހަކު ބަޔަކަށް ފެނިފައެއް ނެތެވެ.

” އެކަމުގައި އޮތީ ހަމަ ޢަޤީދާ ވަރުގަދަވުން. ފުރިހަމަ ހަރުދަނާ އިސްލާމީ ބިންގަލެއް އަޅުގަނޑުމެންގެ ޅަދަރީންގެ ކިބައިގައި އެޅިއްޖެ ނަމަ އެފަދަ އެއްވެސް ރޯޅިއަކުން ކުއްޖާ ނުގުޑާނެ.”

ޝިނާޒް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް އެދޭނަމަ މުޅި މުޖުތަމަޢު އެކަމާއިގެން އުޅެން ޖެހޭކަމަށެވެ. ގޭތެރެއާއި އުޅޭ މާޙައުލާއި ސްކޫލާއި މުޅި މުޖުތަމަޢުންވެސް ހެޔޮ ގޮތް ބުނެ ދިނުމަކީ ޒިއްމާއެއް ކަމަށް ދެކެން ޖެހޭ ކަމަށެވެ.

މިއަދު އެމްޑީޕީ ޕްރައިމަރީގައި ހިތަދޫ ކޮރޮވައު ދާއިރާއަށް ފައިނަންގަވާފައިވާ ޝިނާޒްއަށް އައްޑޫސިޓީގައި ހުރި މައްސަލަތައް ވަރަށް ސާފެވެ. ޙައްލު ކުރަންޖެހިފައިވާ އެތައް ކަމެއް އެބައޮތެވެ. އޭނާ ދެކޭ ގޮތުގައި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނައުމުގައި އެންމެން އަތު ގުޅާލަން ވެއްޖެ އެވެ. އައްޑޫ އެއަރޕޯޓްސް ކޮމްޕެނީއާއި ދޫގަސް އަދި އައްޑޫގެ ތާރީޚް އެތަނަކާއި ގުޅި ލާމެހިފައިވާ ގަމަށް މިއަދު އަޅާލުން ނުދެވިއްޖެ ނަމަ މާދަމާގެ ޖީލުތައް ކަރުނަ އަޅާ ރޯނެއެވެ.

އައްޑޫގެ ޤުދުރަތީ ރީތިކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި މިއަދު ފިދާ ނުވެއްޖެ ނަމަ މާދަމާ އެތަންތަނެއް ނުހުންނާނެއެވެ. އައްޑޫގައި ޤާއިމްވެފައިވާ ކްލަބް ޖަމްޢިއްޔާ ތަކާއި ޖަމާޢަތްތައް ފެތުރިގަންނަން ޖާގަ ނުދެވިއްޖެ ނަމަ މާދަމާ އެކަމުގެ އުނިކަން މުޖުތަމަޢުން ފެންނާނެއެވެ. އައްޑޫގައި ދަނޑުގޮވާން ކުރުމަށް ބިން ދޫކުރާއިރު ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކަށް ހަނދާނެއް ނުހުރެއެވެ. ޤާބިލްވެވޭނެ ތަމްރީނެއް ފޯރުކޮށެއް ނުދެވެއެވެ.

“ބޭރުން އެތެރެ ނުކޮށް ތަނަށް ބޭނުންވާވަރަށް ތަރުކާރީއާއި މޭވާ އުފެއްދޭނެ މާޙައުލެއް ޤާއިމް ކޮށްދެވޭނަމަ ފައިދާ ފެންނާނެ” ޝިނާޒް ވިދާޅުވިއެވެ.

މަސްވެރިންގެ ޙާލަކީވެސް އެއީއެވެ. ޒުވާން ހުނަރުވެރި އެތައްމޫނެއް ކުރާނެ ކަމެއްނެތި މާޔޫސްވެފައި ތިބިއިރު ބިޒިނެސް އިންކިއުބޭޓަރ ފަދަ ޕްރޮގްރާމެއްގެ ދަށުން އެކުދިންގެ ހުނަރު އިތުރުކޮށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ޝިނާޒްގެ ވަޢުދެކެވެ. ފަތުރުވެރިކަމުގެ ޞިނާޢަތަށް އައްޑޫގެ ދޮރުތައް ހުޅުވިގެންދާއިރު ބޭނުންވާ “ސަޕޯޓް ސާވިސަސް”ތަކަށް ލޯން ފެސިލިޓީއެއް ޤާއިމްވެ ވޯޓަރ ސްޕޯޓްސްއާއި، ޑައިވިން ސެންޓަރާއި، ސެއިލިން، ކައިޓިން ފަދަ ކަންކަން ޒުވާނުންނަށް ފަހިކޮށްދިނުމުގައި ޝިނާޒް ސާބިތު ވެ ހުންނަވާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

ޝިނާޒް ޤަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމަށް ބޮޑު ބަދަލެއް މިވަނީ ގެންނަން ޖެހިފައެވެ. ރައްޔިތުންގެ ޝަކުވާތަކާއި ޖަވާބު ނުލިބިވާ ސިޓީތައް އަތްފޯރާ ފަށަށް ތިލަ ނުކޮށް ކަންކަން ރަނގަޅެއް ނުވާނެއެވެ.

ކޮންމެ ކަމެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ނޫންގޮތަކަށް ޙައްލު ނުވާ ނުވުން ނިމުމަކަށް އަންނަން ޖެހެއެވެ. ދާއިރާއަށް ހޮވޭ މީހަކު ޖުމްލަކޮށް މުޅި އައްޑޫސިޓީއަށް މޮޅުގޮތް ހޯދުމުގެ ވިސްނުން ގެންގުޅެން ޖެހެއެވެ. އަނެއްކާވެސް ރައްޔިތުން މާޔޫސް ނުކޮށް ނަތީޖާ ނެރެ ދައްކާ ބަޔަކަށް ވާން ޖެހެއެވެ.

ފުރިހަމަ ޖަޒީރާ ރާއްޖެއަކަށް ވާސިލު ވުމަށް ސަރުކާރާއެކު ހިފާފައިވާ ބައިޢަތުގައި ސިޓީކައުންސިލް ވެފައިވަނީ މުހިއްމު ރޯލެއް އަދާ ކުރާ ބަޔަކަށެވެ. ޝިނާޒްގެ އުއްމީދަކީ ކުރިއަށް އޮތް 4 ވަރަކަށް އަހަރުގެ ތެރޭ އައްޑުއަށް ގެނެވޭ ތަރައްޤީގެ ބޮޑު ބަދަލުގައި ދާއިރާގެ ރައްޔިތުންގެ ބަސް އިއްވައިދޭނެ މަދަދުގާރަކަށް އޭނާ ވުމެވެ.

އެއްބުރުން ނިންމަން ބެލްޓް އަޅުއްވާ ބާރުކޮށްގެން ނައްޓާލި އުޅަނދު ފަރަށް އެރިއަސް ދުލެއްނުދީ ހިތާހިތުގެ ގުޅުމުން ގުޅާލައި ކާމިޔާބުކަމާއެކު ޖަޒީރާ ރާއްޖެއަށް ވާސިލްވީ އެހެންމީހުންވެސް އައި ފަދައިން އެޖެންޑާ 19 ކޮނޑަށް ލައިގެންނެވެ.

 

ރައްޔިތުންނަށް ހެވާއި ލާބަ ފޯރުކޮށްދިނުމުގައި ބުރަހެލި ކަމެއް ވަރުބަލި ކަމެއް ނުގެނެސް ދެމި ހުރުމަކީ ޝިނާޒްގެ ޢަޒުމެވެ. މިހާރުވެސް ދާއިރާއިން އޭނާއަށް އޮހެމުންދާ ތަޢުރީފުގެ ބަސްތަކާއެކު ޝިނާޒް އެވަނީ ރައްޔިތުން އެދޭފަދަ ޚާދިމަކަށް ވުމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. ފަރަގުވަކިކޮށް އެކަށޭނަ ފަރާތް ޚިޔާރު ކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.