English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނޭލާވާ ނިޒާމަށް ޖެހޭ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރެހަށް ރާއްޖޭގެ ހޮސްޕިޓަލްތައް ހުރީ ތައްޔާރަށް ކަމަށާއި ބޭރުން އަންނަ ފަތުރުވެރީން ސްކްރީން ކުރުމާއި ޝައްކުވާ ފަރާތްތައް އެކަހެރިކޮށް ސުވާލުކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މިރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަކީ ނުރައްކާތެރި ވައިރަހެއް ކަމަށާއި ނުރައްކަލަށް ބަލައިގެން ރާއްޖެއިން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ވައިރަހަށް ސްކްރީން ކުރުމުގެ ޕްރޮގްރާމު ވަރުގަދަކޮށްފައިވާ ކަމަށާއި ވައިރަހާއި ގުޅިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ހާމަކުރައްވާނެ ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ނެތް ކަމަށާއި އަދި ފަރުވާ ދޭންޖެހޭ މީހަކު ވެސް ނެތް ކަމަށެވެ. އަދި ހޮސްޕިޓަލްތައް މިކަމަށް ތައްޔާރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު އެވެ.