ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކޮށްލެއްވުމުގައި ފާއިތުވި އަހަރު ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ގުޅުން ބަދަހިވެފައިވާ މިންވަރަށް ރައީސް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އެގޮތުން އީޔޫގެ މަތީ ފަންތީގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ރައީސްގެ ވާހަކަފުޅުގައި “މޯލްޑިވްސް-އީޔޫ-ޑައިލޮގް” ގެ ސަބަބުންވެސް ރާއްޖެއާއި އީޔޫގެ ބަދަހި ގުޅުން ކަށަވަރުވާކަން ހާމަކުރައްވާފައިވެއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަކީ 2050 ވަނަ އަހަރުގެ ނިޔަލަށް “ކާބަން ނިއުޓްރަލް” ޤައުމުތަކެއްގެ ކަމުގައި ހެދުމަށް ޔޫރަޕިއަން ޔޫނިއަން ކައުންސިލުން ނިންމަވާފައިވާ ނިންމެވުމަށް ތައުރީފުކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސް ނަގާ ޓެރިފްގެ މައްސަލައަށް ހައްލެއްހޯއްދެވުމަށް ރައީސް ޞާލިޙު މަޝްވަރާކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރު މިސްޓަރ ދެނިސް ޗައިބީގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ޚިޔާލު އެއްގޮތް ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ރަށްކާތެރިވުމަށާއި، ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމު ގުޅިގެންމަސައްކަތްކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ޔޫރަޕިއަން ޔޫނިއަނުން އިސްކަމެއް ދީގެން ކުރުމަށް ރާއްވަވާފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރުމަށާއި، އިންސާނުން އެއްޤައުމުން އަނެއްޤައުމަށް ހިޖުރަކުރުމާއި، ޑިޖިޓަރލައިޒޭޝަނަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއިން ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް ޤާނޫނީ އިމުގެތެރެއިން މަސައްކަތްތައް ބައްޓަން ކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި ވިދާޅުވެފައެވެ.