English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ،މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލު ކުރައްވައިފި އެވެ.

ހުކުރު ދުވަހު އޮތް ރޯދަ ވީއްލުމަކާއެކު މި ދެބޭފުޅުން ބައްދަލު ކުރެއްވީ އުއްޗުގެ ރިސޯޓެއް ކަމަށްވާ ޗަންޕާ ގިރީގައެވެ.

މިބައްދަލުވުމުގައި އުއްޗު ވަނީ ރައީސް އަށް “އިބޫ 2023” ޖަހާފައިވާ ޖާޒީ އެއް ހަދިޔާ ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ރައީސް ސޯލިހަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތްގޮތަށް މާނަކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދެކޭގޮތުގައި ރައީސް ސޯލިހަށް ޖާޒީއެއް އަރުވާފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސަށް އުއްޗު ތާއީދުކުރައްވާކަން އިއުލާންކުރުމުގެ ގޮތުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، މީގެ ކުރިން ރައީސް ސޯލިހުގެ މަންދޫބުން ވެސް އުއްޗުއާއެކު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންވެސް ވަނީ އުއްޗުއާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ގެންދަވަނީ ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ސޯލިހު މިފަހަރު އިންތިހާބުގައި ވާދަކުރައްވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ހިމެނޭ ކޯލިޝަންއާއެކުއެވެ.