އިނގިރޭސިވިލާތަށް އުފަން، އުމުރުން ދުވަސްވީ އަންހެނެއް ކަމަށްވާ އައިރިސް ޖޯންސް އަށް އޭނަގެ ހަގީގީ ލޯބިވެރިޔާ ފެނުނީ އުމުރުން 80 އަހަރު ފުރުނުފަހުންނެވެ.
އައިރިސް އަށް ވުރެން 45 އަހަރު ހަނގު އިޖިޕްޓްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަހްމަދު އިބްރާހިމް އާ ދިމާވީ ފޭސްބުކުން ކަމަށް އޭނަބުނެއެވެ. ކުރީގެ ފިރިމީހާ ކައިރިން ވަރިވެފައިވާ އައިރިސް މީގެ 40އަހަރު ކުރިން ފިރިމީހާ އާއި ވަކިވީ ފަހުން ކައިވެންޏެއް ކޮށްފައި ނުވެއެވެ.
އައިރިސްގެ ލޯބި ފެށުނު ގޮތް ކިޔާދެމުން އޭނަ ބުނީ ، މުހައްމަދު ރައްޓެހިވެ ދެމީހުން ބައްދަލުވެ ވާހަކަދައްކައި ވަގުތު ހޭދަކުރަން ފެށުމުން ރައްޓެހިންނާއި އަވަށްޓެރިން އޭނަ އަށް މަލާމާތް ކުރިކަމަށެވެ. އެމީހުން ބުނާގޮތުން މުހައްމަދު އަކީ މަކަރުވެރި އެކެވެ. އަދި އެއްބަޔަކު ތުހުމަތު ކުރާގޮތުގައި މުހައްމަދު އުޅެނީ އައިރިސްގެ ގެއާއި މުދަލާ އަދި ފައިސާ އާހެދިއެވެ.ނަމަވެސް އައިރިސް ބުނީ އޭނަ މިހާރު ދިރި އުޅެނީ އޭނައަށް ހަފްތާ އަކު އެއް ފަހަރު ލިބޭ ޕެންޝަންފައިސާއިންކަމަށެވެ. އެހެން ކަމުން މުހައްމަދު ބޭނުންވެގެން އުޅެންވީ ކޮންފައިސާ އެއް ތޯ އައިރިސް ވަނީ މީހުންނާ ސުވާލުކޮށްފައެވެ. އައިރިސް އިތުރަށްބުނީ މުހައްމަދު ވަޒީފާއިން ކެނޑިގެން އިނގިރޭސިވިލާތަށް އަންނަން ޖެހުނީ އޭނަގެ ބޮސް ޗުއްޓީ ނުދިނުމުންނެވެ.
އައިރިސް އާއި މުހައްމަދު ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވެއެވެ. އެހެން ނަމަވެސް މުހައްމަދަކީ އިޖިޕްޓް މީހެއް ކަމަށް ވުމުން އޭނަ އިނގިރޭސި ވިލާތުގައި ވިސާގައި އެކު އުޅެން ޖެހޭތީ އޭނަގެ ވަޒީފާވެސް ގެއްލިފައިވާތީ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރަން އުނދަގޫ ކަމަށް އައިރިސް ބުނެއެވެ. ނަމަވެސް ވަރަށް އަވަހަށް އިޖިޕްޓްގައި ކައިވެނި ކުރުމަށްފަހު ދިރިއުޅުން ބަދަލު ކުރާނެކަމަށް އައިރިސްވަނީ އިންޓަވިއުގައި ބުނެފައެވެ.
އައިރިސް އަށް ކުރީގެ ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެމީހުންގެ އުމުރަކީ 54 އަހަރު އަދި 53 އަހަރެވެ. އައިރިސްގެ ލޯބިވެރިޔާ އާއި ދިމަވިގޮތުގެ އިންޓަވިއު ދަ ސަން އަށް ދީފައިވާއިރު ކައިވެނިކުރާނެ ތާރީޚެއް ބުނެފައި ނުވެއެވެ. މިހާރަކަށް އައިސް ލޯބިވާން ނޫނީ ކައިވެނ ި ކުރަން ދެޖިންސްގެ މީހުން ވެސް އުމުރަކަށް ނުބަލައެވެ.