English Edition
Dhivehi Edition
ވީއައިއޭގައި ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީންކުރުމަށް ބެހެއްޓިފައިވާ ތާމަލް ކެމެރާ - ފޮޓޯ: ޓްވިޓާ (އެޗްޕީއޭ)

ރާއްޖެއިން މިހާތަނަށް ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނެފައި ވަނީ ރާއްޖެއައި ޗައިނާގެ އަންހެނަކު ކޮރޯނާވައިރަސް އަށް ޝައްކުވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި އެކަހެރިކޮށްފައިވާ ކަމުގެ ވާހަކަތައް މީސްމީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެ މީހާ އާއި ބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާމަނުކޮށް ސިއްރުކުރާތާ ހަތަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ޚަބަރުތައް ދޮގުކޮށް އެޗްޕީއޭ އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީން ކުރަމުންދާ ކަމަށާއި، މިހާތަނަށް އެ ވައިރަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ.

އެޗްޕީއޭ އިން މިހެން ބުނިއިރު، ކެނެޑާއިންވެސް ވަނީ މިއަދު ކޮރޯނާވައިރަސްގެ ފުރަތަމަ މައްސަލަ ރިޕޯޓްކޮށްފަ އެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީންނެވެ. މިހާތަނަށް ހޮންގ ކޮންގ އާއި މަކާއޯ އަދި ޓައިވާން އާއެކު މުޅި ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން 1،985 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 56 މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާ އާއި ކެނެޑާގެ އިތުރުން ތައިލޭންޑް، ޖަޕާން، ދެކުނު ކޮރެއާ އަދި އެމެރިކާ އާއި ވިއެޓްނާޕްގެ އިތުރުން ސިންގަޕޫރާއި މެލޭޝިއާ އަދި ނޭޕަލް އާއި އޮސްޓްރޭލިއާގެ އިތުރުން ފްރާންސް އިންވެސް ކޮރޯނާވައިރަސް ވަނީ ފެނިފައެވެ.