English Edition
Dhivehi Edition
އެމްއެންޑީއެފް އިން ގދ. ތިނަދޫގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތްކުރަނީ - ފޮޓޯ: ޓްވިޓާ (އެމްއެންޑީއެފް)

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިއަދުވެސް އެރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެގޮތުން އެމްއެންޑީއެފް އިން ބުނީ ތިނަދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، އަބޫބަކުރު ސްކޫލް ކައިރީ ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ އިއްޔެވެސް ތިނަދޫގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެފަ އެވެ.

ވިއްސާރަ މޫސުމުގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވުމަކީ އާންމު ކަމެއް ކަމަށް ވާއިރު، މިއަދާއި ހަމައަށްވެސް އެކަމަށް އެއްވެސް ޙައްލެއް ލިބިފައި ނުވެއެވެ.

ތިނަދޫގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 07:00 އިން 11:00 އަށް ހުވަދު އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.