English Edition
Dhivehi Edition
ކެނެޑާއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހާއަށް ފަރުވާދެމުން އަންނަ ސަނީބްރޫކް ހޮސްޕިޓަލް - ފޮޓޯ: ރޮއިޓާސް

ކެނެޑާގެ އޮންޓޭރިއޯ ޕްރޮވިންސްގެ ވެރިރަށް ޓޮރޮންޓޯ އިންވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ.

އޮންޓޭރިއޯގެ ޗީފް މެޑިކަލް އޮފިސަރ އޮފް ހެލްތު، ޑޭވިޑް ވިލިއަމްސް އާއި ހަވާލާދީ “ބްލޫމްބާގް” އިން ރިޕޯޓްކުރާ ގޮތުގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައި ވަނީ 50ގެ އަހަރުތައް ގުނަމުންދާ ފިރިހެނެއް ކަމަށެވެ.

ގުއަންޒޫ މެދުވެރިކޮށް ޗައިނާގެ ވުހާން އިން ޓޮރޮންޓޯ އަށް މިމަހުގެ 22 ވަނަ ދުވަހު އެތެރެވި އެމީހާ ވަނީ އޭގެ އެއް ދުވަސް ފަހުން މާބޮޑަށް ބަލިވުމުގެ ސަބަބުން ސަނީބްރުކް ހޮސްޕިޓަލަށް ގޮސްފަ އެވެ. އޭނާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ޙާލު އަދި ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓޮރޮންޓޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިއްޙީ ދާއިރާގެ އޮފިޝަލުން ވިދާޅުވީ އެ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެމީހާއާއި މިހާތަނަށް ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީންނެވެ. މިހާތަނަށް ހޮންގ ކޮންގ އާއި މަކާއޯ އަދި ޓައިވާން އާއެކު މުޅި ޗައިނާއިން ކޮރޯނާވައިރަސް ޖެހިގެން 1،985 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ބޭރު ޤައުމްތަކުން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު ވަނީ 24 އަށް އަރައިފަ އެވެ.

ކެނެޑާގެ އިތުރުން ތައިލޭންޑް އިން ހަތަރު މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު، ޖަޕާންގެ ދެ މީހަކަށް، ދެކުނު ކޮރެއާގެ ތިން މީހަކަށް، އެމެރިކާގެ ދެ މީހަކަށް، ވިއެޓްނާމްގެ ދެ މީހަކަށް އަސި ސިންގަޕޫރުގެ ތިން މީހަކާއި މެލޭޝިއާގެ ތިން މީހެއްގެ އިތުރުން ނޭޕާލްގެ އެކަކު އަދި އޮސްޓްރޭލިއާގެ އެކަކާއި ފްރާންސްގެ ތިން މީހަކަށް ކޮރޯނާވައިރަސް ވަނީ ޖެހިފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 56 މީހުން ވަނީ މަރުވެފަ އެވެ.