English Edition
Dhivehi Edition
ކެނެޑާގެ ހުޅަނގުގައިވާ އެލްބަރޓާ ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު

ކެނެޑާގެ ހުޅަނގުގައިވާ އެލްބަރޓާ ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެޕުރޮވިންސުގެ ހުރިހާ ސަރަޙައްދެއްގައި ކުއްލި ހާލަތު އިޢުލާނުކޮށްފިއެވެ.

އެ ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު 122,000 ހެކްޓަރުގެ ސަރަޙައްދެއް މިހާރު ވަނީ މުޅިން އަނދާފައެވެ. އަދި އަލިފާންގަނޑު މީހުން ދިރިއުޅޭ އެހެން ހިސާބުތަކަށް ފެތުރެމުން މިހާރު އަންނައިރު އެ ޕުރޮވިންސުގެ ޖަންގަލިތަކުގައި 110 އަށްވުރެ ގިނަ އަލިފާންގަނޑު އަންނަނީ ރޯވެ އަނދަމުންނެވެ. އަލިފާންގަނޑު ނިއްވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ސަރަހައްދަށް ބާރަށް ވައިޖެހުމުން ދިޔުމާއި ގުޅިގެން އެ މަސައްކަތަށް ހުރަސްއެޅިފައިވާކަމަށް އެލްބަރޓާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ އެންމެ ގިނަ ޢަދަދަކަށް ތެޔޮ އުފައްދާ ސަރަޙައްދުކަމުގައިވާ އެލްބަރޓާ ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވެފައި މިވަނީ ވާރޭ ނުވެހި ގިނަދުވަސްތަކެއްވުމަށް ފަހުއެވެ. އެގޮތުން އެ ޕްރޮވިންސުގެ 20 ގެއަކާއި، ފިހާރައެއްގެ އިތުރުން ފުލުހުންގެ އިދާރާއެއްގައި މިހާރު އަލިފާން ރޯވެ، އަނދާފައިވާއިރު އެ ސަރަޙައްދުގައި އޮންނަ ސަސްކެޗުވަން ޕުރޮވިންސުގެ ޖަންގަލިތަކުގައި މި ފަދަ އަލިފާންގަނޑުތަކެއް ރޯވުމުގެ ފުރުޞަތު އޮތް ކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކެނެޑާއަށް އެންމެ ފަހުން މިފަދަ ކާރިސާއެއް ދިމާވެފައިވަނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު އެ ޤައުމަށް ހޫނުގެ ތޫފާނެއް ކުރިމަތިވެ، 500 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި 2016 ވަނަ އަހަރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް އެ ޤައުމުގައި ކުރިމަތިވެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރުމުގެ ސަބަބުން 100,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.