އައްޑޫ ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލާ ބުރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އައްޑޫ ބްރިޖު ގުޅާލުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި ޑިޒައިންކުރުމާއި ޓެކްނިކަލް ޑޮކިއުމަންޓްސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން މައިގަނޑު ދެކަމެއް ދިރާސާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޭބަލް ކާރުން ގުޅުވާލުމާއި ނުވަތަ ބްރިޖް ކަނެކްޝަނަކުން ގުޅުވާލުން ހިމެނެއެވެ. މި ދެކަމުގެ ތެރެއިން އެންމެ އެކަށޭނެ ރޫޓް އެލައިންމަންޓު ނުވަތަ އެހެނިހެން ޓެކްނިކަލް ކަންކަމަށް ބަަލައި ދިރާސާކުރުރުމަށްފަހު އެންމެ އެކަށޭނެ ގޮތަށް ކަނޑައެޅިފައިވަނީ ބްރިޖްއަކުން ގުޅުވާލުންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބްރިޖް އެޅުމަށް މައިގަނޑު 3 ރޫޓެއް ދިރާސާކޮށްފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ތިން ރޫޓް އިވެލުއޭޓްކުރުމަށްފަހު އެންމެ އެކަށޭނަ ރޫޓަކަށް ކަނޑައެޅިފައިވަނީ ރޫޓް ދޭއް ކަމަށެވެ. މި އެލައިންމަންޓުގައި 4 ބްރިޖް ކްރޮސިންއެއް ހިމެނޭއިރު މި ކްރޮސިންތަކަށް އެކަށީގެންވަނީ ކޮން ބާވަތެއްގެ ބްރިޖްއެއްތޯ ބެލުމަށްވެސް ޑިޒައިން އެސެސްމަންޓެއް ވަނީ ހެދިފައެވެ.