English Edition
Dhivehi Edition

 

މިއީ އޭނާގެ އަލަތު ކައިވެނީގެ ރެއެވެ. ނަމަވެސް އެހެން އަންހެން ކުދިން ފަދައިން ހަނާ އެރެޔާ މެދު ފޮނި ހުވަފެންތަކެއް ނުދެކެއެވެ. އެރެއަށް އެއްވެސް އިންތިޒާރެއްނުކުރެއެވެ.

އެއީ އޭނާ ކުރަން ބޭނުންވި ކައިވެންޏެއް ނޫނެވެ. މައިންބަފައިންގެ ގޮތް ދޫނުކުރުމުގެ ސަބަނުން ހަނާއަށް އޭނާގެ އުފާތަކާމެދު ވިސްނާނެ ފުރުސަތެއް ނުލިބުނީއެވެ. އެމީހުން މަޖްބޫރުކުރުވުމުގެ ސަބަބުން ދުވަހަކު ނުވެސް ދަންނަ މީހަކާއެކު ޒަވާޖީ ހަޔާތް ފެށުން ނޫން އެހެން ގޮތެއް ހަނާއަށް ނެތެވެ.

ހަނާއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދޮށީ އަންހެން ދަރިފުޅެވެ. މާލޭގައި ދިރިއުޅޭ އާއިލާގައި ތިބެނީ ހަނާގެ އިތުރުން ފަސް ކުދިންނެވެ. ކުޑައިރުއްސުރެ ހަނާ ގެންގުޅެފައިވަނީ މަންމަމެން ބޭނުންވާ ހުރިހާ އެއްޗަކަށް ހާނ، ހޫނ، ކިޔަން އާދަކޮށްގެންނެވެ. ހަނާގެ ހެދުން އިޚްތިޔާރުކުރުމުގެ ފުރުސަތު އޭނާއަކަށް ނުލިބެއެވެ. އެހެންކަމުން އެމީހުންގެ ކުރިމަތީގައި އެއްޗެއް ބުނާނެ ހިތްވަރެއް ދުވަހަކު ވެސް ހަނާއަކަށް ނުލިބެއެވެ. ނަމަވެެސް ގޭގެ އެހެން ކުދިންނަކީ މިގޮތުގެ މަތިން ތަރުބިއްޔަތުވެފައިވާ ބަޔެއްނޫނެވެ. މިއީ ކޮން ކަމަކަށް ލިބޭ އަދަބެއްކަމެއް ހަނާއަކަށް ނޭނގެއެވެ. އޭނާއަށް އެނގެނީ ގޭގެ ކުދިންނާ ޚިލާފަށް އޭނާއަކީ ކަޅު ކުއްޖެއްކަމެވެ. މަންމަ އާއި ބައްޕައަކީ ވެސް ވަރަށް ދޮން ދެމީހުންނެވެ. އެހެންކަމުން ހަނާގެ ކުށަކީ އެއީ ކަމަށް ވެސް ވެދާނެއެވެ. ގެއިން ބޭރަށް ގޮސް މަޖާކުރުމާއި އުފާ ކުރުމަކީ ހަނާާއަށް މަނާ ކަންތައްތަކެވެ. އެހެންކަމުން އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ހަނާގެ މާގިނަ އެކުވެރިންނާއި ލޯބިވެރިންނެއް ވެސް ނުތިބެއެވެ. ސްކޫލް ދައުރުގައި ވެސް ހަނާއަކީ މާ ރަގަޅު ކާމިޔާބީ ތަކެއް ލިބުނު ދަރިވަރެއްނޫނެވެ. އެހެންކަމުން އޭނާ އޯލެވެލް ނިންމުމަށްފަހު އޮފީހެއްގެ އެޑްމިން އޮފިސަރެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ.

ހަނާ ވަޒީފާ އަދާކުރި އޮފީހުގައި މަސައްކަތްކުރާ ސަމީރަކީ ހަނާއަށް އަބަދު ވެސް ވަރަށް އޯގާތެރި މީހެކެވެ. އޮފީސް މަސައްކަތްތަކުގައި އާއި އަމިއްލަ ކަންކަމުގައި ވެސް ސަމީރު ހަނާއަށް އެހީތެރިވެއެވެ. ހަނާ ވަޒީފާ އަދާކުރިކަމުގައި ވިއަސް އޭނާގެ ފައިސާއަކީ ވެސް މައިންބަފައިންގެ މިލްކެކެވެ. އެހެންކަމުން އޭނާއަށްޖެހޭ ކުދިކުދި ކަންތައްތައް ވެސް ސަމީރު އުފަލާއެކު ކޮށްދެއެވެ.ސަމީރަކީ އުމުރުން ދޮށި މީހެކެވެ. އޭނާއަކީ ރީތި މީހެއް ވެސް ނޫނެވެ. ނަމަވެސް އެއީ މާލޭގެ ގެދޮރު ހުރި މީހެކެވެ. ކުރިން އެހެން މީހަކާ ކައިވެނިކޮށް ކުއްޖަކު ވެސް ލިބިފައިވާ ސަމީރުގެ އަންހެނުން ވަނީ ދަރިފުޅުގެ އުމުރުން 5 އަހަރުގައި ނިޔާވެފައެވެ. ހަނާއާއި ސަމީރުގެ މެދުގައިވާ އެކުވެރިކަން ދުވަސްކޮޅަކުން ލޯތްބަށް ބަދަލުވާންފެށިއެވެ. ސަމީރު އޭނާގެ ހިތުގެ އެދުން ހަނާއަށް ހުށަހެޅުމުން ހަނާ އުފަލާއެކު އެކަން ޤަބޫލުކުރިއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އޭނާ އާ ކައިވެނިކުރުމަކަށް މާ މޮޅު މީހަކު ނާންނާނެއެވެ. ވީއިރު އެނާއަށް އަޅާލާ އޯގާތެރި މީހަކު ހަޔާތުގެ ބައިވެރިއަކަށް ހެދުމުގައި އޮތީ ކޮން މައްސަލައެއްހެއްޔެވެ؟ ހަނާ އޭނާގެ ނިންމުން މަންމަމެންނަށް ހުށަހެޅުމުން ހީވީ ޤިޔާމަތް ކައިރި ވީހެންނެވެ. އޭނާ އޮފީހަށް ނިކުތުން ވެސް ވަގުތުން މަނާކުރިއެވެ. ސަމީރަކީ ހަނާއަށްވުރެ ދޮށި މީހެއްކަމަށާއި ކުއްޖެއްގެ ދޮން މަންމައަކަށްވުމަކީ އެމީހުން އެއްގޮތަކަށް ވެސް ރުހޭކަމެއް ނޫންކަމުގައި ބައްޕަ ބުންޏެވެ. އަދި ވަގުތުން ހަނާ އެހެން މީހަކާ ކައިވެނިކުރުވަން ނިންމިއެވެ. ކައިވެނި ފޯމްގައި ސޮއިކުރުވީ ވެސް މަންމަ އަމިއްލައަށް މަރުވެދާނެކަމަށް ބުނެ ބިރު ދައްކާފައެވެ. ސަމީރު ވެސް ހަނާގެ މައިންބަފައިންނާ ދެކޮޅަށް ކަންތައް ނިންމަން ހަނާއަކަށް ހިތްވަރެއް ނުދެއެވެ.

ބޮޑު ޕާޓީއަކަށްފަހު ހަނާގެ ކައިވެނިކުރެވިއްޖެއެވެ. ނަމަވެސް ފިރިއެއްގެ ގޮތުން ޔޫޝައު ޤަބޫލުކުރާކަށް ހަނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ފިރިމީހާއާ އެއްވެސް ގުޅުމެއް ނުބޭއްވިއެވެ. ހަނާގެ މަންމަމެން މިކަމާމެދު ހަނާއަށް އެތައް އަނިޔާއެއްކުރިއެވެ. ފިރިމީހާ ޔޫޝައުގެ ހަމަލާތަކާ ވެސް ކުރިމަތިލާން ހަނާއަށްޖެހުނެވެ. އެންމެ ފަހުން ކެތްނުވެގެން ހަނާ ޖެންޑަރ މިނިސްޓްރީގެ އެހީއާއެކު ކޯޓަށް މައްސަލަ ހުށަހަޅާ ފިރިމީހާގެ ކިބައިން މިނިވަންވިއެވެ. ހަނާ މިނިވަންވުމުން ސަމީރު އުފަލާއެކު ހަނާއަށް މަރްހަބާކިޔެވެ. އިއްދައިގެ ތިން މަސް ނިމުމުން ސަމީރުގެ އަންބަކަށްވެގެން އަބަދަށްޓަކައި މައިންބަފައިންގެ ގެ ދޫކޮށް ސަމީރުގެ ގެއަށް ދިޔައެވެ. އެގެއަކީ މާ ގިނަ ބަޔަކު އުޅޭ ގެއެއްނޫނެވެ. ސަމީރުގެ މަންމައާއި ކޮއްކޮގެ އިތުރުން ދެން އުޅޭ ބަޔަކީ ހަނާގެ ދެމަފިރިންނާއި ސަމީރުގެ ދަރިފުޅެވެ. ދެން ހުންނަ ބަޔަކީ ކުއްޔަށް ދޫކޮށްފައިވާ ތަންތަނެވެ. މިހާރު ހަނާގެ ދިރިއުޅުމަކީ އުފާވެރިކަމުން ފުރިގެންވާ ދިރިއުޅުމެކެވެ.

ހަނާގެ ކައިވެންޏަށް އެއް އަހަރުވީތަނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނެވެ. ދުވަސްފުރާ ހަނާ ވިހެއީ އަންހެންކުއްޖެކެވެ. ދަރިފުޅަށް 6 މަސްވީތަނާ ސަމީރު ބަލިވެގެން އިންޑިޔާއަށް ދިޔުމުން ލިބުނު ޚަބަރުވީ ޒަހަރަށް ވުރެ ހިތި އެއްޗެކެވެ. ސަމީރުގެ ދެކިޑްނީ ވެސް ވަނީ ފެއިލްވެފައެވެ. ސަމީރަކީ ކުޑަ ދުވަސްކޮޅެއްގެ މެހްމާނެކެވެ. ތިން މަސްފަހުން ސަމީރު ހަނާއާ ދެކުދިން ދޫކޮށް އަބަދުގެ އަބަދަށް މިދުނިޔެއާ ވަކިވެއްޖެއެވެ.

ފިރިމީހާ މަރުވުމުން ހަނާ ހިތްވަރު ދެރައެއްނުކުރެއެވެ. ކަރުނަތަައް ފޮހެލާފައި ދިރިއުޅުމުގެ ހަނގުރާމައާ ކުރިމަތިލިއެވެ. ހަނާގެ ގޭގެ އެއްބައި ހުންނަނީ ކުއްޔަށް ދީފައެވެ. ދިރިއުޅުމަށް ބޭނުންވާ ފައިސާ ލިބުމުގައި ދައްޗެއް ނެތެވެ. ނަމަވެސް ހަނާ ބޭނުންވަނީ ދާއިމީގޮތެއްގައި ފައިސާލިބޭނެ ވަސީލަތެއް ގާއިމްކުރުމަށެވެ. އެހެންކަމުން ސަމީރުގެ ކޮއްކޮ ނިޒާމްގެ އެހީގައި ގޭގެ އެންމެ ތިރީ ބައި ރެސްޓޯރެންޓެއްގެ ގޮތުގައި އިމާރާތްކޮށް އެތަން ހިންގަންފެށިއެވެ. މިހާރު ހަނާއަކީ ވިޔަފާރިވެރި އަންހެނެކެވެ. ދިރިއުޅުމުގައި އޭނާއަށް އުނިކަމެއް ނެތެވެ.

މިހާރު ހަނާއަކީ ދެކުދިން ހަރުދަނާ އަޚްލާޤެއްގެ މަތީގައި ބޮޑުކޮށްފައިވާ މަންމައެކެވެ. އޭނާގެ ދެކުދިންނަކީ ރާއްޖެއިން ބޭރުން މިޒަމާނުގެ ތައުލީމު ހާސިލްކޮށްފައިވާ ދެކުދިންނެވެ. ޒުވާނުން އުމުރުގައި ހިތްދަތިކަމާ ކުރިމަތިލާންޖެހުނު ހުރިހާ އަންހެނުންނަށް ހަނާ ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ. ޅަ އުމުރުގައި މަންމައަކަށްވެ އެކަނި ދަރިން ރަގަޅުގޮތުގައި ބޮޑުކުރުމަކީ ހުރިހާ އެންމެންނަކަށް ވެވޭނެ ކަމެއްނޫނެވެ. ހަނާ މި ހުރިހާ އިމްތިހާނަކުން ފާސްވީ އޭނާގެ ހިތްވަރާއި މިންނެތް މަސައްކަތުންނެވެ. އުމުރުގެ ކުރީކޮޅު ނުކެރޭ ކުއްޖެއްގެ ގޮތުގައި ލޭބަލްކުރެވިފައިވީ ނަމަވެސް މިހާރު ހަނާއަކީ ދިރިއުޅުމުގެ ހަނގުރާމައިން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލްކޮށްފައިވާ އަންހެނެކެވެ. (ނިމުނީ)