އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި އަޅަމުންދާ ފުލުހުން ތަމްރީނު ކުރާ މަރުކަޒުގެ ނަން މިހާރު “އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް”އަށް ބަދަލުކޮށް އެތަނުގައި އެހެން ތަމްރީނުތައް ދޭގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެތަނަށް ނިސްބަތްކޮށް ކުރިން ކިޔައި އުޅުނީ “ޕޮލިސް އެކެޑެމީ” އާއި “އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް”އެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލު އިންތިހާބަށް އަމާޒުކޮށް އެމްޑީޕީއިން މިއަދު އައްޑޫ ސިޓީގައި ފެށި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ ހީވެފައި އޮތީ އައްޑޫގައި އަޅާ މަރުކަޒަކީ ހަމައެކަނި ޕޮލިސް އެކެޑެމީއެއް ކަމަށެވެ. ނަމަވެސް މިހާރު އެތަނުގެ ނަން ބަދަލުކޮށް އެތަނުގައި އެހެން ތަމްރީނުތައް ދޭގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ފުލުހުން ތަމްރީނު ކުރާ މަރުކަޒުގެ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު ހުންނަ ގޮތަށް ހަމަޖައްސަން ވައުދުވެވޭނެކަމަށެވެ.
ޕޮލިސް އެކަޑެމީ އަކީ، އިންޑިއާގެ މިލިޓަރީ ބޭހެއް ހިންގުމަށް އިމާރާތް ކުރާ ތަނެއް ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވާއިރު އެ މައްސަލައިގައި މިދިޔަ އަހަރު ނޮވެމްބަރު މަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އައްޑޫގައި އަޅަނީ ނޭޝަނަލް ޕޮލިސް އެކަޑަމީއެއް ކަމަށާއި ހަމައެކަނި ބޭނުމަކީ ފުލުހުންނަށް ތަމްރީނު ދިނުން ކަމަށެވެ.
ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާ އެކު އެންމެ ފުރަތަމަ ފެށީ އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރުގައެވެެ. ޕޮލިސް އެކަޑަމީ ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 26 ސެޕްޓެމްބަރު 2012 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 8 ނޮވެމްބަރު 2014 ގައި އައްޑޫ ސިޓީ ކައުންސިލުންޕޮލިސް އެކަޑަމީ އަށް ބިން ދީފައިވާއިރު އެކަޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2016 ގައެވެ.