English Edition
Dhivehi Edition
ފޮޓޯ:ހަސަން ނިހާލް

ސްކޫލްތަކުގައި ހިންގަމުންދާ ދަސްވާރު ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސްކޫލްތަކުގައި ހިންގަމުންދިޔަ ދަސްވާރު ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ ތައުލީމީ ގޮތުން ދަށްކަމަށް ބަޔަކު ފާހަގަކުރާ ކުދިންނަށް އަމާޒުކޮށްގެން ކަމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ ކުދިންނަަށް ކުރި ކަމަށެވެ. އަދި، ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ދަތިތަކެއް ދިމާވާތީ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ދަސްވާރަށް ބައެއް ދަރިވަރުން ލާފައިވަނީ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށާއި، ބައެއް ސްކޫލް ތަކުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ ދަސްވާރުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމުގެ މަރުހަލާއަށް ވެސް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށާއި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑްތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއި ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ބައެއް ސްކޫލްތަކުން ދަސްވާރު ޕްރޮގްރާމް ރަނގަޅަށް ހިންގާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ދަސްވާރު ޕްރޮގްރާމް އުވާލި ކަމުގައި ވިޔަސް ‘ހުނަރު’ ޕްރޮގްރާމެއް އުފައްދާ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ހުނަރަކީ ހަމައެކަނި ދަށްކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނިކުންނަ ކޮންމެ ދަރިވަރަކީވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުން ކަމުގައި މިނިސްޓްރީންވަނީ ބުނެފައެވެ.