English Edition
Dhivehi Edition
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލުން ޖާގަ ހޯދުމަށް އެދޭ ދަރިވަރުންގެ އަދަދު ގިނަވެ، ޖާގައިގެ ދަތިކަން ކުރިމަތިވެއްޖެ ނަމަ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށްގެން ވިޔަސް ހުރިހާ ދަރިވަރުންނަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރާ އެކު މި ސްކޫލުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ އެއް ދަންފަޅިއަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެ ސްކޫލަށް ވަނުމަށް 1،500 ކުދިންނަށް ފުރުސަތު ދީފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި ސްކޫލް ހުޅުވޭއިރު އެ އަދަދު 1،800 އަށް އެރުން ގާތް ކަމަށެވެ. އެހެންކަމުން ކުދިން ގިނަވެއްޖެ ހާލަތެއްގައި ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މި އާ ސްކޫލަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް، އެ މީހުންގެ ދަރިން ސްކޫލަށް ފޮނުވުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ތަނެކެވެ. މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ސްކޫލުގެ ގޮތުގައި ފާހަގަކުރެވޭ މި ސްކޫލަކީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ.

ޝަހީދު އަލީ ސްކޫލްގެ ވަސީލަތްތަކަށް ބަލާއިރު، މިތަނުގައި 54 ކްލާސްރޫމް ހުންނާނެ އެވެ. މިއީ އެއްފަހަރާ 32 ކުދިންނަށް ކިޔަވައިދެވޭ ގޮތަށް ފަރުމާކޮށްފައިވާ، އެއާކޯންޑިޝަން (އޭސީ) ކޮށްފައިވާ ކްލާސްރޫމްތަކެކެވެ. މީގެ އިތުރުން ސްކޫލުގައި 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހުންނާނެ ކަމަށާއި، ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

މި ސްކޫލް ފުރިހަމަ ވެގެން ދާއިރު ދަރިވަރުންނަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ކަމަށްވާ އޮޑިޓޯރިއަމަކާއި، ހޯލެއްގެ އިތުރުން ސްޓާފް ކެންޓީނާއި ލައިބްރަރީއެއް ވެސް ހުންނާނެ އެވެ. މި މަހުގެ 27 ވަނަ ދުވަހު ކިޔަވައިދޭން ފަށާ މި ސްކޫލް ވެގެންދާނީ ފޭސް 2 ގެ އާބާދީއަށް ލިބޭ ވަރަށް މުހިންމު ހިދުމަތަކަށެވެ.