English Edition
Dhivehi Edition
އަދާލަތު ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މިހާރު

އަދާލަތު ޕާޓީ (އޭޕީ) މެދުވެރިކޮށް މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

އަދި ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 26،000ރ. ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދާލަތު ޕާޓީ އިން ބުނީ މި އަހަރު، އެ ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން އެ ޕާޓީގެ މަރުކަޒީ އިދާރާއަށް ނުވަތަ އެ ޕާޓީގެ އީމެއިލް، [email protected] އަށް ލިޔުމަކުން އެކަން އަންގައި، ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު 3342674، 9903231 ނުވަތަ 7789355 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށްވެސް އެ ޕާޓީ އިން ބުނެއެވެ.

އަދާލަތުގެ ޕާޓީ މެދުވެރިކޮށް ހާފިޒުން ގެނައުމަށް ހުޅުވާލާފައިވާއިރު، ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ކުރައްވާނެ ޙާފިޒުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމާއި ގުޅޭގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއާއި ވަނީ މިމަހުގެ ކުރީކޮޅު މަޝްވަރާކޮށްފަ އެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި އެ ބައްދަލުވުމުގައި ރާއްޖެއަށް ގެންނަ ބޭރުގެ ހާފިޒުންނަކީ ކަމަށް އެކަށީގެންވާ، ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަމުގެ އުސޫލުތަކަށް ތަބައުވާ، ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އަދި އެކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއްވެސް އެ ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން އިމިގްރޭޝަން އަދި އެންސީޓީސީ ވެސް ހިމެނެއެވެ.

އެންސީޓީސީ އިން ބުނީ މިފަހަރު އެކުލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލްތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުންގެ ބޭނުން ކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް އެންސީޓީސީ އިން ބުނެއެވެ.