English Edition
Dhivehi Edition

ހިންގުންތެރިކަމުގެ މާހިރުން ވިދާޅުވާގޮތުންނަމަ، ތަނެއްގެ ވެރިންގެ ހިންގުންތެރިކަމާއި ގާބިލްކަމުގެ ހައްދު، ފަހަނައަޅާ އެތަނެއްގެ ތަރައްގީ ދުވަހަކުވެސް ކުރިއަރާ ނުދާނެއެވެ. މިއީ ވަރަށް ބޮޑު ހަގީގަތެކެވެ. ލާމަރުކަޒީ ގާނޫނާއި އެކު ރައްޔިތުން ކުރަމުންއައި ފޮނި އުންމީދުތައް މިއަދާއި ހަމައަށް އައިއިރުވެސް ކުލަ ނުޖެހި އޮތް އޮތުމަކީ މީގެ އެންމެ އަލިގަދަ އެއް ހެއްކެވެ.

އައްޑޫސިޓީގެ ކައުންސިލަށް ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް މެމްބަރުން ހޮވުމުގައި، އެންމެންވެސް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ނަތީޖާ ހާޞިލްކުރާނެ ފަދަ ބަޔަކު ކައުންސިލަށް އިންތިހާބު ކުރުމެވެ.

ހިތަދޫ އައުގޭ އިބިރިހިމް ބެއްޔާގެ، އަލިދީދީ އަދި އެޅެބެއްޔާގެ ހުސައިންފުތާގެ (ސޮޑާގެ) ފާތިންދިޔެގެ އައިޝަތު ޝީރީން (އައިޝާ) ކައުންސިލަށް ކުރިމަތިލެއްވީވެސް މި ކަންބޮޑުވުމާއި އެކު، ނަތީޖާ ނެރުމުގެ އުންމީދާއި އަޒުމުގައެވެ. ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލުތަކަކާއި، އައްޑޫގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލުތަކެއްގެ ފުރިހަމަ ތަޞައްވުރަކާއި އެކުއެވެ.

ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތަކުގެ އިތުރުން ލާ މަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލަށް މިވަނީ އިތުރު މާލީ ބާރުވެރިކަން ދީފައެވެ. ކައުންސިލްގެ ހިނގަމުންދާ އަހަރުގެ ލަފާކުރާ ބަޖެޓަކީ ސިޓީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު މަޝްރޫޢުތައް ރައްޔިތުންނާއި ގާތުން ހިންގުމަށް ދެވިފައިވާ ބަޖެޓެކެވެ. އައިޝާގެ ވިސްނުމަކީ މިބަޖެޓްގެ ތެރެއިން ހިންގާ ކޮންމެ މަޝްރޫޢަކީ ސީދާ އައްޑޫ ސިޓީގެ ރައްޔިތު މީހާއަށް އޭގެ އެންމެ ފުރިހަމަ ލާބަޔާއި މަންފާ ލިބޭނެ އަދި އެފައިސާ އަކީ މިސިޓީގެތެރޭގައި ދައުރު ކުރެވި ހިފެހެއްޓޭނެ ފައިސާއަށް ހެދުމެވެ.

ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގެ ޔަޤީންކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމާއެކު އައިޝާ އެންމެ އިސްކަމެއް ދޭނީ:

(1) ރަށުގެ ތަރައްގީގައި ރައްޔިތުންގެ ހިއްސާއާއި ބައިވެރިވުން އިތުރު ކުރުން.

(2) އިގްތިޞާދީގޮތުން ފަރުދުން ބާރުވެރިކުރުވުން.

(3) ތަރައްގީއަށްޓަކައި ލިބިހުރި ވަޞީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދީ ފުރުޞަތުތައް ފަހިކޮށްދިނުން.

(4) ޒުވާނުން ޒިންމާދާރުކުރުވާ އެމީހުންގެ ބޭނުން މުޖުތަމަޢުއަށް ހިފޭނެ ގޮތްތައް ހޯދުން.

(5) ވަޒީފާއާއި، މަސައްކަތްތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

އައިޝާއަކީ އާއްމު މަސްލަހަތާއި ގުޅޭ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ، ނަތީޖާތަކެއް ހާޞިލްކޮށްފައިވާ ހީވާގި ކަނބަލެކެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް އަޑުއުފުލާ ފަރާތެކެވެ. އަދި ސިޔާސީގޮތުން އެމް.ޑީޕީ ގެ ފިކުރު ކުރިއެރުވުމުގައި އިސް ރޯލެއް، ފަރުދާގެ ފުރަގަހުގައި އަދާކުރަމުން އަންނަ ޚިދުމަތް ތެރިއެކެވެ. އަދި ގޮތްނިންމުމުގައި އަބަދުވެސް އަމިއްލަ ވަންތަ ހަމަތަކަށް ތަބާވާ، ނަޒާޙަތްތެރި ބޭފުޅެކެވެ. ޅަފަތުގައި ތަޢްލީމީގޮތުން ކުރިއަށް ދިއުމުގެ ފަހި ފުރުޞަތެއް ނުލިބުމާއި އެކުވެސް، އަމިއްލަމަސައްކަތުން ކުރިއަށް ދިޔަ ޢިލްމީ އަދި ހުނަރުވެރި ފަންނާނެކެވެ. ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާއި އެކުވެސް، ގިނިކަންޏާ ދިރިއުޅުން އާރާސްތުކުރި ހިތްވަރުގަދަ ކަނބަލެކެވެ. މާލީ ތަނަވަސްކަމެއް ނެތި، އަމިއްލަ ގޭގެ ސިޓިންރޫމުން ފެށި ފެހުމުގެމަސައްކަތް ވިޔަފާރިއަކަށް ބަދަލުކޮށް ކުރިއަށް ގެންދަވާ ކާމިޔާބު ވުނަދާނަވެރިއެކެވެ. އަދި މި ހުރިހާކަމަކާއި އެކުވެސް ސްކޫލު ދައުރުން ފެށިގެން އިޖްތިމާޢީ ޙަރަކާތްތަކުގައި ދެމިހުރި ދަރުމަވެރިއެއްވެސް މެއެވެ.

ތަޢުލީމީ ހަޔާތް

ޅަފަތުގެ ތައުލީމު އައްޑޫ ނޫރާނީ ސްކޫލުން ހާޞިލްކުރުމަށް ފަހު، އައިޝާ އޯލެވެލް ހެދީ އަހުމަދިއްޔާ ސްކޫލުންނެވެ. އެއަށްފަހު އާއިލީ ތަނަވަސްކަން އޭރުހުރިގޮތުން މަތީތައުލީމަށް ކިޔެވުމުގެ ނަސީބު އައިޝާއަކަށް ނުލިބުނެވެ. ނަމަވެސް އައިޝާއަކީ އުގެނުމަށް ލޯބިކުރައްވާ އަޒުމުވަރުގަދަ ކަނބަލެއްކަމުން، އުގެނުމާއި ދަސްކުރުމުގައި އައިޝާ ފަހަތަކަށް ނުޖެހެއެވެ. ވަޒީފާ އަދާކުރަމުން ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިއްޕަވައި، ހިންގުމުގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި، މާކެޓިންގ އަދި ޕަބްލިކް ރިލޭޝަންގެ ރޮނގުން އައިޝާވަނީ ވަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި ސްޓަޑީ ޓުއަރ ތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައެވެ. މިވަގުތު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ބެޗެލަރ އޮފް ބިޒިނަސް މެނޭޖްމެންޓް އެންޑް މާރކެޓިންގ ފުރިހަމަ ކުރައްވަމުންދާ އައިޝާއަކީ ހުނަރުވެރި ފަންނުވެރި ހިންގުންތެރި އެއްވެސް މެއެވެ. ތަފާތު އެކި ދާއިރާތަކުން މަތީމަގާމުތަކެއް އަދާކުރައްވާފައިވާ ޒިންމާދާރު ލީޑަރެކެވެ. އައިޝާގެ އެންމެ ގާތްމީހުންގެ ބަހުންނަމަ އޭނާއަކީ ހިތްވަރުދަ، ކެތްތެރިކަމާއެކު ކުރިއަށްދާން މަސައްކަތް ކުރާ އަދި އެހެންމީހުންނާއި މެދު ކަމޭހިތާ ނުހަނު ހީވާގި ކަނބަލެކެވެ.

މަސައްކަތުގެ ތަޖުރިބާ

އަމިއްލަ ފުއްދުންތެރިކަމަށް މަސައްކަތް ކުރުމަކީ އަބަދުވެސް އުފަލެއްކަމުގައި ދެކިލައްވާ އައިޝާ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1998 ވަނަ އަހަރު، ސ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އޭގެ ފަހުގައި މުޙިއްބުއްދީން ސްކޫލްގެ ލައިބްރޭރިއަން ކަމާއި، ހިތަދޫ ސްކޫލްގެ އެކަޑަމިކް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ އައިޝާ، ތަޢްލީމީ ދާއިރާ ދޫކޮށްލެއްވީ ސްކޫލު އެޑްމިނިސްޓްރޭޓަރ ކަންވެސް ކުރެއްވުމަށްފަހުއެވެ. އަދި ޓޫރިޒަމް ދާއިރާ (ވަން އެންޑް އޮންލީ ކަނުހުރާގެ އިންޖިނިއަރިން ޑިޕާރޓްމެންޓްގެ އެޑްމިންކަމާއި ޖޭ.ރިސޯޓްސް-ހަނދުފުށީގެ ޖީ.އެމް ސެކްރެޓަރީކަން) އަދި ސަރވިސް ސެކްޓަރ (އައި އެމް ޑީސީ – އެޑްމިން/މެނޭޖަރ ، މިފްކޯގެ ކަނޑުއޮތް ގިރީގެ އޮޕަރޭޝަނަލް އޮފިސަރ، އައިލޭންޑް ޓީވީ އައްޑޫ އަދި ފޯއްމުލަކު ގެ އޮޕަރޭޝަންސް މެނޭޖަރ، ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ ގެ އެސިސްޓެންޓް އެޗް.އާރ އެންޑް އޮޕަރޭޝަންސް މެނޭޖަރ) ގައި އައިޝާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ސިޔާސީ ހަރަކާތް:

ސިއްހީ ގޮތުންނާއި، އިޖްތިމާޢީ ޢަދާލަތާއި، ޢުމްރާނީގޮތުން ހޯދެންހުރި ފުރުޞަތުތަކުން އައްޑޫއަށް ލިބެންޖެހޭ މިންވަރު ނުލިބޭކަމަށް އަމިއްލައަށް ގަބޫލުކުރެވިގެން، އެކަންކަން ބަދަލުކުރުމަށް ފަރުދީގޮތުން ކުރަމުންއައި މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަގުޞަދުގައި ސިޔާސީ ދާއިރާގައި އައިޝާ ހަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރު އެމް.ޑީ.ޕީގެ މެމްބަރެއްގެ ގޮތުގައެވެ. މިގޮތުން ފަރުދާގެ ފުރަގަހުގައި ވަރަށްގިނަ ގޮތްގޮތުން އައިޝާވަނީ އެމް.ޑީޕީގެ ފިކުރަށް މަސައްކަތް ކޮށްދީފައެވެ.

މިއަދު އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލަށް ވާދަކުރާއިރު، މި މުޖްތަމަޢަކީ ސަލާމަތްތެރި، ފުރުޞަތުތައް ފަހި، ދުޅަހެޔޮ ވެއްޓަކަށް ހެދުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް އައިޝާ ދެކިލައްވައެވެ. އަދި އެހާމެ ފަހި ފުރުޞަތުތަކެއްވެސް ހޯދެން އެބަ ހުރިކަމަށް އައިޝާ ގަބޫލުކުރައްވައެވެ. އައިޝާ ގަބޫލުކުރައްވާ ގޮތުގައި ޢާއްމު ރައްޔިތު މީހާގެ ފުދުންތެރިކަން ނެތުމުގެ ސަބަބުން އޭނާގެ ހުރިހާ ހަކަތައެއް އަދި ވަގުތެއް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ހޭދަ ކުރަން ޖެހުމަކީ، އަޅުގަނޑުމެންގެ ތަގުދީރެއްނޫނެވެ. އަދި ރަށުގައި ވަޒީފާ ގެ ފުރުސަތު ނެތުން އެއީ ވެސް ބަދަލުނުކުރެވޭނެ ކަމެއް ނޫނެވެ. މިހާރު ތަހައްމަލު ކުރަންޖެހިފައިވާ ސިއްހީ ފަރުވާގެ ދަތިތަކާއި ހުރަސްތަކަކީ ވެސް އައްޑޫމީހުނަށް މިންވަރު ކުރެއްވި ގޮތެއް ނޫނެވެ. އަދި ބޭގަރާރުވެ ގެއްލެމުންދާ ޒުވާންޖީލް ސަލާމަތްކޮށް، ޒިންމާދާރު ބޭނުންތެރި ދަރިންތަކަކަށް އެކުދިން ހެދުމަށް ނުހަނު ގިނަ ކަންކަން އަޅުގަނޑުމެންނަށް މިހާރުވެސް ކުރެވެން އެބަ ހުރިކަމަށް އައިޝާ ގަބޫލުކުރައްވައެވެ. މިކަންކަންކަން ނުކުރެވި އޮތީ، މިއަށްވުރެ މުހިންމު އެހެން މަސްލަހަތުތަކަށް އިސްކަންދެވުމުގެ ސަބަބުންނެވެ. އަދި އުފެއްދުންތެރި ޚިޔާލުތަކަށް ޖާގަނުދެވި އޮތުމުގެ ސަބަބުންނެވެ.

އައިޝާގެ ވަޢުދު

މިއަދު އަޅުގަނޑުމެންގެ ވެރިންނަށް ތިބި ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި “އަތޮޅުވެރިންނަށް ހިއްޕެވޭނީ ހަމައެކަނި ވަލުގައެވެ”. ނަމަވެސް އައިޝާ ދެކިލައްވާ ގޮތުގައި އެއީ މިހާރު އަޅުގަޑުމެންގެ ލީޑަރޝިޕް އޮންނަންވާނެ މިންވަރެއް ނޫނެވެ. އަތޮޅުވެރިންވެސް ވަލުގައި ހިއްޕެވުމުގެ އިތުރުން، ވަލުގައި ހިފަންޖެހޭނެކަން މީހުންނަށް ގަބޫލުކުރެވޭނެ ގޮތަށް ވިސްނައިދީ، ވަލުގާ ހިފާނެ ހިތްވަރުގަދަ މީހުން ޖަމާކުރުމަކީވެސް ކުރައްވަންޖެހޭނެ ކަމެކެވެ. އަދި ވަލުގާ ހިފާމީހުންނަށް ހިތްވަރު ދީ އަންބާ ކިޔައި ދިނުމަކީވެސް އަތޮޅުވެރިންނަށް ކުރެއްވޭނެ ކަމެކެވެ. މީގެ އިތުރުން، މީހުން ބަސްގަބޫލުކުރާނެ ފަދަ، އަމަލީ ގޮތުން ނަތީޖާ ނެރުމަށްޓަކައި ދިމާވާ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާންކެރޭ، ހިތްވަރު ހުރި މީހަކަށް ވުމަކީވެސް އަތޮޅުވެރިން ކުރައްވަންޖެހޭ ކަމެކެވެ.

މިގޮތުން އައިޝާގެ ވަޢުދަކީ ވަކި އުމުރަކަށް ވަކި ގިންތިއަކަށް ވަކި ފިކުރަކަށް ނުބަލާ އެންމެ ރައްޔިތުންނަށް ހަމަ ހަމަ އުސޫލުން ، ކައުންސިލާއި ރައްޔިތުމީހާއާއި ގުޅުވާލަދީ، ފުރުޞަތުތައް ހޯދައި ދިނުމެވެ. އަދި އުޒުރު ދެއްކުމުގެ ބަދަލުގައި ނަތީޖާ ދެއްކުމެވެ.

އައިޝާގަބޫލުކުރައްވަނީ، މިޖުތަމަޢުގެ ބައިވެރިވުމާއިއެކު، އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރެވޭނެކަމަށެވެ. މިގޮތުން، ފަރުދާގެ ފުރަގަހުގައާއި، މީހުންގެ ކުރިމަތީގައިވެސް މިކަންކަން ހާޞިލްކުރުމަށް އަމަލީގޮތުން ނުކުމެވަޑައިގަންނަވަން އައިޝާ ހުރީ ނުހަނު އަޒުމާއި، އުންމީދާއެކުގައެވެ.

ވޯޓްލައްވާނީ ތިޔަބޭފުޅުންނެވެ. އަދި މި ވޯޓުން ކުރިމަގު ބައްޓަންކުރުމުގައި ޒިންމާދާރު ގޮތެއްގައި ފަރުދީ އިޚްތިޔާރާއި ވާޖިބު އަދާކުރައްވަނީ ވެސް ތިޔަބޭފުޅުންނެވެ. މިއަދު މިއޮތީ ރައްޔިތުން ގޮތެއްނިންމަންޖެހިފައެވެ. ހަމަ ގައިމުވެސް އައްޑޫ މީހުންނަކީ އައްޑޫގެ ވަތަނީ ރޫހު ހުރި، ވިސްނުންތެރި ބައެއްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

1 ކޮމެންޓް
ސަންފަ
ޖެނުއަރީ 23, 2020
ދެންތިި ކެންޑިޑޭޓުންނާ އަޅާ ނުކިޔޭނެ ވަރުގެ ހީވާގި މުރާކި ކަނބަލެއް