English Edition
Dhivehi Edition
އިމިގްރޭޝަންގެ އޮފިޝަލަކު ޕާސްޕޯޓެއް ބަލަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޖުމްލަ 9،185 ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި 7،588 ވާރކް ވިސާ ޖަހާދީފައިވެ އެވެ. އޭގެ ތެރެއިން 7،508 ވިސާ ދޫކުރީ މާލެއިން ކަމަށްވާއިރު، އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން 80 ވިސާ ދޫކޮށްފައި ވެއެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު 1،109 ބިޒްނަސް ވިސާ ދޫކޮށްފައިވާއިރު، 223 ޑިޕެންޑެންޓް ވިސާ ދޫކޮށްފައިވެއެވެ. އަދި ވަކި ޙާލަތްތަކެއްގައި ދޫކުރެވޭ 24 ސްޕެޝަލް ވިސާވެސް މިދިޔަ މަހު ޖަހާދީފައި ވެއެވެ.

އަދި މިދިޔަ މަހު 122 ސްޓޫޑެންޓް ވިސާ ދޫކޮށްފައިވާއިރު، އެހެނިހެން ކެޓަގަރީތަކުން ޖުމްލަ 119 ވިސާއެއް މިދިޔަ މަހު ދޫކޮށްފައި ވެއެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ މަހު 6،464 ޕާސްޕޯޓުވެސް ދޫކޮށްފައެވެ.

އަދި އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 214،776 މީހުން އައިސްފައިވާއިރު، އޭގެ ތެރޭގައި 171،348 ފަތުރުވެރިން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށް 194،044 މީހުން ފުރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 33،860 ދިވެހިންނެވެ.