English Edition
Dhivehi Edition

ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް އާއި ކާޖަލް ފެނިގެންދާ ލޯބީގެ އާ ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ. ބޮލީވުޑްގެ އެންމެ ކުޅަދާނަ ފިލްމު އުފައްދާ އެއް ފަރާތް ކަމުގައިވާ ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކުރާ މި ފިލްމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ޝާހުރުކް އާއި ކާޖަލް މި ފިލްމު ކުޅެން މިހާރު އެއްބަސްވެފައިވާއިރު ފިލްމުގައި ދެން ފެނިގެން ދާނީ ކަރީނާ ކަޕޫރެވެ. ކަރީނާ ފެނިގެންދާނީވެސް ރޮމޭންޓިކް ބައަކުން ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ. ހިރާނީގެ ފިލްމް “3 އިޑިއޮޓް” ގައި ކަރީނާ ފެނިގެން ގޮސްފައި ވާއިރު ހިރާނީގެ ފިލްމެއްގައި ކާޖަލް މިހާތަނަށް މަސައްކަތް ކޮށްފައި ނުވެއެވެ.

ފިލްމުގެ ސްކްރިޕްޓް މިހާރު ނިމިފައިވާއިރު، އިތުރު ފުރިހަމަ ކަމެއް ގެންނަން މިހާރު ދަނީ ސްކްރިޕްޓް އިތުރަށް މޮޑިފައި ކުރަމުންނެވެ. ބޮލީވުޑް ފިލްމުތަކުގެ ޙަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނަމުން ގެންދަނީ ހިރާނީ ޑައިރެކްޓް ކޮށް ޝާހުރުކް އާއި ކާޖަލް، އަދި ކަރީނާ ފެނިގެންދާ މި ފިލްމު އަހަރުގެ އެންމެ މޮޅު ފިލްމުގެމަގާމު ހޯދާނެ ކަމަށެވެ.

މި ފިލްމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ޝާހުރުކް އާއި ރާޖްކުމާރް މިދިޔަ އަހަރުގައި އެތައް ފަހަރެއް މަތިން ބައްދަލުކޮށްފައިވާއިރު މިހާރު ވަނީ ފިލްމުގެ ހުރިހާ ކަމަކަށްވެސް ދެފަރާތުން ފުރިހަމައަށް ތައްޔާރުވެފައި އެވެ. ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މި ޕިލްމަކީ ޝާހުރުކްގެ ފިލްމު އުފައްދާ ކުންފުންޏާ ގުޅިގެން އުފައްދާ ފިލްމެއް ކަމަށެވެ.އެހެންނަމަވެސް މި ވާހަކަ އަދި އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.