އޮމާން ރީތި ހަންގަނޑެއް ބޭނުން ނަމަ ކޮންމެ ދުވަހަކު ނިއުޓްރިޝަން ހިމެނޭ ކާނާ ބޭނުން ކުރުން ވަރަށް މުހިންމެވެ. ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު މާއްދާތައް ލިއްބައިދެނީ ތަރުކާރީ އާ މޭވާއިންނެވެ. މޫނުގެ ހަންގަނޑު ރީތި ކުރުމަށް އަހަރެމެން ފޭސްކްރީމް، ވޮޝް އަދި ބޭސްތައް ބޭނުން ކުރުން މަދުކޮށް ލުމަށްފަހު މުޅިހަށިގަނޑަށްވެސް ފައިދާ ކުރާނެ އެއްޗިހި ކަމަށްވާ މޭވާ އާއި ތަރުކާރީ ބޭނުން ކުރަން އާދަކުރަމާ ހިނގާށެވެ.
ތިރީގައި މިވަނީ އޮމާން ސާފު ރީތި ހަންގަނޑެއް ބޭނުން ނަމަ ގޭގައި ތައްޔާރު ކޮށްލައިގެން ބޯލެވިދާނެ ފައިދާ ހުރި ސްމޫތީސް ތަކުގެ މައުލޫމާތެވެ.
މެންގޯ ސްމޫތީ:
މެންގޯ ސްމޫތީ ތައްޔާރު ކުރާއިރު އެއަށް ކައްޓަލަ، ޔޯގަޓް، ލުނބޯ ހުތް އަދި އިނގުރު ކޮޅެއް އަޅައިގެން ތައްޔާރު ކުރުމުން ހަޖަމްގެ ނިޒާމް، އިސްތަށިގަނޑު އަދި ހަންގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ލިބޭނެވެ.
ސަމާ ސްޓްރޯބެރީ ސްމޫތީ:
އޮރެންޖަށް ވުރެ ސްޓްރޯބެރީ ގައި ވިޓަމިން “ސީ” ހިމެނޭ މިންވަރު މައްޗެވެ. ސްޓްރޯބެރީ ސްމޫތީ ތައްޔާރު ކުރާއިރު ކާށި ނޫނީ އަލްމޮންޑް މިލްކް އަޅައިގެން ސްމޫތީ ތައްޔާރު ކޮށްގެން ބޯށެވެ.
ސެލެރީ އެޕަލް ރިފްރެޝާ:
ސެލެރީ އަކީ އޭގައި ގިނަ އަދަދަކަށް ފެން އެކުލެވޭ ފަތެކެވެ. އާފަލުގައި ހިމެނޭ “ކޮޕާ” އަކީ އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތް ކޮށްދިނުމަށް އެހީވާ މާއްދާއެކެވެ. މި ސްމޫތީ ތައްޔާރު ކުރުމަށް ސެލެރީ އަދި އާފަލެއް ބޭނުން ކުރުމުން ހަންގަނޑަށް ބޭނުންވާ މުހުންމު މާއްދާތައް ލިބޭނެއެވެ.
ޕަމްޕްކިން ސްމޫތީ:
ބަރަބޮލަކީ އޭގައި ބީޓާ ކެރޮޓިން އަދި އަލްފާ ކެރޮޓިން ހިމެނޭ އެއްޗެކެވެ. މި ދެމާއްދާ އިން ވިޓަމިން “އޭ” ހަށިގަނޑުގައި އުފައްދައިދެއެވެ. ވިޓަމިން “އޭ” އިން ހަންގަނޑު ތާޒާ ކޮށްދީ މަޑު ކޮށްދެއެވެ. މި ސްމޫތީ ތައްޔާރު ކުރުމަށް ފުނޑާފައި ހުރި ބަރަބޯ ޖޯޑެއް، ޔޯގަޓް، ފެން ، އެވަކާޑޯ، އަދި ފެލެކްސް ސީޑް އެޅުމަށްފަހު ގިރާލާށެވެ.
ގްރީން އެޕަލް ސްމޫތީ:
ފެހި އާފަލު އަދި ސްޕިނެޗް އެޅުމަށްފަހު ސްމޫތީ ތައްޔާރުކުރާށެވެ. އާދަކޮށް އަވީގައި އުޅޭމީހެއް ނަމަ މިސުމޫތީ ކޮންމެ ދުވަހަކު ބޭނުން ކުރުން ރަނގަޅެވެ. ސްޕިނެޗް އަދި އާފަލުގައި ހިމެނޭ ގިނަގުނަ ފައިދާތަކުން ހަލާކުވެފައިވާ ހަންގަނޑު ރީތިވުމަށް އެހީވެދެއެވެ.
ގްރީން ސްމޫތީ؛
ވިދާ ރީތި ހަންގަނޑެއް ބޭނުން ނަމަ އަބަދުވެސް ހަށިގަނޑަށް ގިނަ އަދަދަކަށް ފެން ބޭނުންވެއެވެ. ކިއުކަމްބަ އަކީ އޭގައި ފެން އެކުލެވޭ އަދި އެންޓި އޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. ކިއުކަމްބާ އަށް ކޭލް އެޅުމަށްފަހު ސްމޫތީ ތައްޔާރު ކުރާށެވެ. ކޭލް އަކީ އޭގައި ވިޓަމިން “އީ” “އޭ” އަދި “ސީ” އެކުލެވޭ ފަތެކެވެ.
މިގެނެސްދެވުނު ސްމޫތީ ބޭނުން ކުރާއިރު ހަފްތާ އަކު ކޮންމެ ދުވަހަކަށް ބަހާލައިގެން ދުވަހަކު ވައްތަރެއް ތައްޔާރު ކޮށްގެން ބޯލެވިދާނެއެވެ.