English Edition
Dhivehi Edition

ވާހަކަ ލިޔުނީ: އާމިނަތު ޝިއުނާ މުނައްވަރު/އަޅިވިލާގެ/ސ.މަރަދޫ

އައި.ޖީ.އެމް ހޮސްޕިޓަލްގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރި އަޔާނާއަށް އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލެވެއެވެ. މިހާރު ޑިއުޓީ ނިމުނުތާވެސް އެތައްއިރެއްވެއްޖެއެވެ. އަދިވެސް އީތަންގެ ޚަބަރެއްނުވެއެވެ. އަޔާނާ އަނެއްކާވެސް އޭނާގެ ފޯނަށް ބަލައިލިއެވެ. އަދި އެނަމެފަހުން ގުޅާފައި އިން ނަމްބަރަށް އަނެއްކާވެސް ގުޅައިލިއެވެ. ކަންފަތުގައިޖެހި ފޯނާއިއެކު އަޔާނާގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އަދި އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ދުރުން އަންނަމުންދިޔަ ސައިކަލްގައި އިން ޒުވާނާއަށް ހަނާއަޅާލިއެވެ. އެވަގުތު އެޒުވާނާ އައިސް އަޔާނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއިއެކު ޓައީއެއްއަޅައި ބެގީކޮށްގެން އިން ޒުވާނާއާއި ދިމާލަށް އަޔާނާ އަވަސް ހިނގުމެއްގައި ދާންފެށިއެވެ. “އީތަން…ހާދަލަސްވީ…މިހާރު އަހަރެން މިތާ ހުންނަތާ ކިހާއިރެއް.” އަޔާނާ ސައިކަލްގެ ފަހަތަށް އަރަމުން އޭނާގެ ފިރިމީހާ އީތަންއަށް ޝަކުވާތަކެއް އަމުނާލިއެވެ. “ސޮރީއޭ..އޮފީސް މީޓިން ނިމުނީ ވަރަށް ލަހުންނޭ ދެން އާދެވޭނީވެސް ލަހަކުންނު.” “އީތަން ކޮންމެ ދުވަހަކުވެސް ހަދަނީ ތިހެން…ސޮރީއޭ މުނުމަކުން މިއަދަކު ނުފުދޭނެ..” ގިނައިރު އިންތިޒާރުދައި ހުންނަންޖެހުމުން އަޔާނާ ހުރީ ވަރަށް ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “އޯކޭ…މީގެފަހުން ދެން ލަހެއް ނުވާނަމޭ…ތިގޮތައް މަގުމަތީގައި ރުޅި މޫނު ހަދައިގެން ހުންނަންޏާ މީހުން ހީކުރާނީ ކީކޭ.” މިހެން ބުނުމަށްފަހު އީތަން ސައިކްލު ސްޓާޓްކޮށްލިއެވެ.
ސައިކަލު ދުއްވަމުންގޮސް މަޖީދީމަގަށް އެޅުނުއިރުވެސް އަޔާނާ އެއްވެސް ވާހަކައެއް ނުދައްކާ ސައިކަލުގެ ފަހަތުގައި އިނެވެ. އީތަން އިރުއިރުކޮޅާ ކޮންމެވެސް ވާހަކައެއް ދައްކަންފަށައެވެ. ނަމަވެސް އަޔާނާ ހަމައިންގޮތަށް އިނީއެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު އީތަންވެސް ހަމަހިމޭންވިއެވެ. މިވަގުތު އަޔާނާއާއި ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން އާނާއަށް ވިސްނުނީ ކަންނޭންގެއެވެ. ހ.ޑްރީމްވިލާ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއިއެކު އަޔާނާ ސައިކަލުންފޭބިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގެއަށްވަނެވެ. އޭނާގެ ފަހަތުން އީތަންވެސް ގެއަށްވަނެވެ. މުޅިދުވަސް ނިމިގެން ދިޔައިރުވެސް އަޔާނާގެ މޫޑެއް ރަނގަޅެއްނުވެއެވެ. އެންމެފަހުން އީތަން ނިންމީ އަޔާނާ ހިތްހަމަ ޖައްސައިލުމަށްޓަކައި ކުޑަދުވަސްކޮޅެއްގެ ޗުއްޓީއެއް ނެގުމަށެވެ.
ޖެހިގެންއައި ދުވަހު އަޔާނާގެ ޑިއުޓީ އޮތީ ވަރަށް ހެނދުނުގައެވެ. އެހެންކަމުން ގޭގައިއުޅޭ ރޫމާ ގާތުގައި އިތަންއަށް ސައި ހެދުމަށްބުނެފައި އަޔާނާ ހޮސްޕިޓަލަށް ދިޔައެވެ. ރޫމާއަކީ އެގޭގައި ގެންގުޅޭ ނޭޕާލް އަންހެން ކުއްޖެކެވެ. އީތަން އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު އަޔާނާ ގޭގައި ނެތުމުން ، އަދިވެސް އަޔާނާހުރީ ހިތްހަމަ ނުޖެހިފައިކަމަށް އީތަންއަށް ހީކުރެވުނެވެ.
އަޔާނާ ހޮސްޕިޓަލަށް ދިޔައީއްސުރެ އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ދޭތެރެއަކުން އެމަޖަންސީ ކޭހެއް އާދެއެވެ. އެހެންކަމުން ފޯނުވެސް އޮތީ ސައިލެންޓަށްލާފައެވެ. އީތަން އޮފީހަށް ދިޔައީއްސުރެ އަޔަނާއަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަޔާނާ ފޯނެއްނުނެގިއެވެ. އަޔާނާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ މެންދުރުވާން އުޅެނިކޮށެވެ. އޭނާއަށް ޚާއްސަކުރެވިފައިވާ ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލުމަށްފަހު އަޔާނާ އޭނާގެ ފޯނު ބަލައިލިއެވެ. “10 މިސް ކޯލް..އަނެއްކާ ކާކުބާ..” ފޯނަށް އައިސްފައި ހުރި މިސް ކޯލުތައް ފެނުމުން އަޔާނާގެ ހިތަށް އެރިއެވެ. އަދި އަވަސް އަވަހަށް އެއީ ކާކުތޯ ބަލައިލިއެވެ. “އީތަން..ހާދަވަރަކަށް ގުޅާފަ، އަނެއްކާ ކަމެއްވީބާ.” އީތަންގެ ނަމްބަރަށް ޑައިލް ކޮށްލަމުން އަޔާނާ ފޯނު ކަންފަތުގައި ޖެހިއެވެ. ދެމީހުން ކިތަންމެ ވަރަކަށް ޒުވާބުކުރި ކަމުގައި ވިޔަސް އަޔާނާ އީތަން ދެކެ އިންތިހާއަށް ލޯބިވެއެވެ. “ހަލޯ އީތަން..ހާދަވަރަކަށް ގުޅާފަތިއޮތީ..އަނެއްކާ ކަމެއްވީތަ؟” އީތަން ފޯނުނެގުމުން އަޔާނާ އަހާލިއެވެ. “ކަމެއް ނުވޭ..ދެން އަހަރެންގެ އަންހެނުންނަށް ގުޅަން ވެސް އެޕޮއިންޓްމެންޓް ހައްދަންޖެހޭތަ؟” ސަމާނާ ރާގަކަށް އީތަން މިހެންބުނުމުން އަޔާނާގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. “ދެން މި އީތަންވެސް ދޯ..ސޮރީގެ އިނގޭ އިއްޔެގަ ކުޑަކޮށް މޫޑީ ވެވުނީ..މިދުވަސްކޮޅު މާއަވަހަކަށްވިއްޔަ ރުޅިއާދެވެނީ..” “ދެން އަޅާނުލާ..ދެން އަހަރެންވެސް ހަނދާންކޮށް ގަޑިއަށް ބަލައިދާނަން އިނގޭ..” އީތަން މިހެން ބުނުމުން އަޔާނާ އެއީ އެވަރުކަމެއް ނޫނޭ ބުނެ އެވާހަކަ ނިންމައިލިއެވެ.
ރޭގަނޑު ކެއުމަށްފަހު ވެފައިހުރި ވަރުބައްޔާއިއެކު އަޔާނާ ބޭނުންވީ ނިދާލާށެވެ. ނަމަވެސް ކޮޓަރިއަށް ވަދެވުނު އިރު އަޔާނާގެ ބޯއަނބުރަން ފަށައިފިއެވެ. އަދި މޭވެސް ނުބައިކުރަން ފަށައިފިއެވެ. އަޔާނާ ދުވެފައިގޮސް ފާޚާނާއަށް ވަނެވެ. އީތަންއަށް ކޮޓަރިއަށް ވަދެވުނު އިރު އަޔާނާ ހޮޑުލަނީއެވެ. “ޔާނާ…”އީތަން އަޔާނާއަށް ގޮވަމުންގޮސް ފާޚާނާއަށް ވެނެވެ. އެވަގުތު އަޔާނާގެ މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނެވެ. އީތަން އަޔާނާ ނަގައި އެނދުގައި ބޭއްވުމަށްފަހު ޑޮކްޓަރަށް ގުޅިއެވެ. ޑޮކްޓަރަށް އާދެވުނު އިރު އަޔާނާ ހޭއަރައިފިއެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް އަޔާނާ ބެލިއެވެ. އަދި އެއަށްފަހު ދިން ޚަބަރުން އީތަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަމަވެސް އަޔާނާއާއި ދޭތެރޭގައި ވިސްނާލުމަށްފަހު ހިނިތުންވެލިއެވެ. އަދި ޑޮކްޓަރު ދިއުމުން އައިސް ކޮޓަރިއަށްވަނެވެ. “އީތަން އުފަލެއްނުވޭތަ؟” އަޔާނާ މަޑުމަޑުން އަހައިލިއެވެ. އޭނާވެސް އުފާވެއެވެ. އުފާނުވާންވީ ސަބަބެއް ނެތެވެ. ޑޮކްޓަރު ބުނިގޮތުން އަޔާނާ ބަނޑުބޮޑެވެ. “ނުން އަހަރެންވެސް އުފާވޭ…އެކަމަކު….” “އެކަމަކު ކިހިނެތްވި..” އަޔާނާ އީތަންގެ އަތުގެ ހިފާލަމުން ބުނެލިއެވެ. “އަހަރެން ބޭބީއެއް ބޭނުމެއް ނޫން…ޔާނާއަށް ހަމަ ރަނގަޅަށް އެނގޭނެ މިވީ 5 އަހަރު ތެރޭގައި އަހަރެމެން ބޭބީއެއް ނުހޯދަ މިތިބީ ކީއްވެގެންކަން…” “އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެއޭ…އީތަން ތިގޮތަށް ރިއެކްޓް ކުރާނެކަން އެނގޭތީވެ އަހަރެން ކުރިންވެސް ނުބުނީ…” “ކުރިން ނުބުނިއްޔޭ…ޔާނާ އަށް ކުރިންވެސް އެނގޭތަ..؟” އަޔާނާ ގެ ވާހާކަ މެދުކަނޑާލަމުން އީތަން ބުންޏެވެ. “ހޫމް…މިހާރު ޓޫ މަންޓްސް ވެއްޖެ…” “ޔާނާ ކީއްތިކުރީ، ހަމަރަނގަޅަށް އެނގެއެއްނު ބޭބީއެއް ހޯދީމަ ޔާނާގެ ފުރާއަށް ގެއްލުންވާނެއޭ ޑޮކްޓަރު ބުނިކަން..ދެން ކީއްވެ..ޔާނާ އަށް ކަމެއްވެއްޖެއްޔާ އަހަރެން ކިހިނެތް ދިރިހުންނާނީ..” އީތަން އަޔާނާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަޔާނާ އޭނާ ކުއްޖަކު ބޭނުންވާ ވަރު ހާމަކުރިއެވެ. އެންމެފަހުން އީތަންއަށް ޖެހުނީ އެއްބަސްވާށެވެ.
އީތަން އޮފީހުން ޗުއްޓީއެއްނެގިއެވެ. އަދި އޭނާގެ ހުރިހާ ވަގުތެއް އަޔާނާއަށްޓަކައި ހުސްކޮށްލިއެވެ. އަޔާނާ ހޮސްޕިޓަލަށް ވަޒީފާއަށް ނިކުތުމަކަށް އީތަން އެއްބަހެއްނުވިއެވެ. އެހެންކަމުން އަޔާނާ ހޮސްޕިޓަލުން ވަކިވިއެވެ. ދުވަސްތައް އޭގެ އުސޫލުން ފާއިތުވަމުންގޮސް އަޔާނާގެ ބަނޑަށް ތިންމަސް ފުރުނުތަނާހެން އަޔާނާއަށް އެކި އެކި އުނދަގޫތަށް ކުރިމަތިވާން ފެއްޓިއެވެ. ނެވާ ހާސްވުމާއި ވަރުބަލިވުން ފަދަ ކަންކަން އަޔާނާއަށް ކުރިމަތިވާންފެށިއެވެ. އީތަން އަޔާނާ ބެލުމަށްޓަކައި އެވަގުތު ލިބެންހުރި އެންމެ މޮޅު ޑޮކްޓަރު ހަޔާރ ކުރިއެވެ. އީތަން އަށް ވެގެންވަނީ ނަމަ ވަގުތުން އަޔާނާގެ ހުރިހާ ތަކްލީފެއް ދުރުކޮށްދިނީހެވެ.
ލޯމަރާލާފައި ކުޅުވާލާހާ އަވަހަށް ދުވަސްތައް ފާއިތުވަމުންގޮސް އަޔާނާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. އެއާއިއެކު އަޔާނާގެ ހާކުވެސް ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. ރޭގަނޑުގެ ވަގުތެވެ. އަޔާނާއަށް އޮތީ ނިދިފައެވެ. އޭނާގެ ކައިރީގައި ނުނިދިފައި އީތަން އިނެވެ. ކުއްލިއަކަށް އަޔާނާއަށް ހޭލެވުނީ އޭނާގެ ބަނޑުގައި ބަޔާންކުރަން ދަތި ވޭނެއް އަޅަންފެށުމުންނެވެ. އެއާއިއެކު އަޔާނާގެ އަނގައިން ވޭނީ އާހެއް ބެރުވެގެންދިޔައެވެ. އީތަން އަވަސްވެގަތީ އަޔާނާ ހޮސްޕިޓަލަށް ގެންގެވޭތޯއެވެ. “ޔާނާ ހިތްވަރުކޮށްލާ…އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއްނުވާނެ..” އެނބިއުލައިންސްގެ ބަލިމީހުންނަށް ޚާއްސަ ކުރެވިފައިވާ އެނދުގައިއޮތް އަޔާނާގެ އަތުގައި ހިފާލައިގެން އިނދެ އީތަން ވާހަކަދައްކަމުން ދިޔައެވެ. އަޔާނާގެ ބަނޑުގައި އަޅަމުންދިޔަ ވޭން ދިޔައީ އިތުރުވަމުންނެވެ. “މަންމާ…” އަޔާނާއަށް ދަތްކުނޑި ވިކައިގަނެވުނެވެ.
އަޔާނާ ހޮސްޕިޓަލަށް ގެންގެވުމާއިއެކު އަވަސްފަރުވާދޭ ކޮޓަރިއަށް ވައްދައި ފަރުވާ ދޭން ފެށުނެވެ. އީތަން އެކޮޓަރީ ދޮރުމަތީގައި ގެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިރުކޮޅަކުން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އީތަންގެ ކަންފަތުގައި ޖެހުނެވެ. އީތަންއަށް ދެލޯ މަރައިލުމަށްފަލު މޫނުގައި އަތް އަޅައިލެވުނެވެ. އެވަގުތު އެމަޖަންސީ ރޫމުން ނަރުސް ކުއްޖަކު ނިކުމެ ލޯބި ލޯބި ފިރިހެން ކުއްޖެއް އިތަންގެ އަތަށް ދިއްކޮށްލިއެވެ. “ނާސް އަޅުގަނޑުގެ ވައިފް..” އީތަންއަށް އެންމެ ފުރަތަމަވެސް އަހައިލެވުނީ އަޔާނާގެ ވާހަކައެވެ. “ޝީ އިޒް ވެރީ ކްރިޓިކަލް…” ނަރުސް ކުއްޖާ މިހެން ބުނުމުން އީތަން އަޔާނާއާއި ބައްދަލުކުރުމުގެ ހުއްދައަށްއެދުނެވެ. ނަރުސް ކުއްޖާ ހުއްދަ ދިނުމުން އީތަން އަވަސް އަވަހަށް އެކޮޓަރިއަށް ވަދެގެންދިޔައެވެ. “ޔާނާ…” އީތަން މަޑު މަޑުން އަޔާނާއަށް ގަވައިލިއެވެ. އަޔާނާ ބަލިގޮތަކަށް ކުކުރައިލުމަށްފަހު ލޯހުޅުވައިލިއެވެ. އަދި އީތަންގެ އަތުގައި އޮތް އެދެމީހުންގެ ލޯބީގެ ނިޝާނަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ލޯ މަރައިލިއެވެ. “ޕްލީޒް ނުދޭ…ޔާނާއާއި ނުލާ އަހަރެމެން ކިހިނެތް އުޅޭނީ…ޕްލީޒް ޔާނާ ނުދޭ..” މިއޮއް ހުރިހާ ދުވަހު ހިފަހަށްޓައިގެހު ހުރި ކަރުނަތައް އީތަންގެ ކޯތާފަތް ތެއްމައިލިއެވެ. އެވަގުތު އަޔާނާގެ އަތްތިލަ މައްޗަށް ކަރުނަތިއްކެއް ވެއްޓުނެވެ. “އީތަން…ރޮނީތަ..” ލޯ ހުޅުވައިލުމަށްފަހު އަޔާނާ އަހައިލިއެވެ. “އީތަން..އަހަރެންނަށް ޕްރޮމިސް ކުރޭ އަހަރެންނަށް ކަމެއް ވިޔަސް އިތަން ނުރޯނެކަމަށް….އަހަރެމެންގެ ލޯބީގެ ނިޝާން..ވަރަށް ފުރިހަމައަށް ބަލައިދޭނެކަމަށް….” “ނޫން.. ޔާނާ ތިކަހަލަ ވާހަކަ ނުދައްކަބަލަ…” އަޔާނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފޮހުދެމުން އީތަން ބުނެލިއެވެ. “ނޫން އީތަން…އަހަރެން ދާން އެބަޖެހޭ…ޕްލީޒް އަހަރެން މުހުއްޓުވާ…” “ޔާނާ ދިޔައީމަ ބޭބީ ބަލާނީ ކާކު..ބޭބީއަށް މަންމައަށް އެއް ބެނުމެއް ނުވާނެތަ..” އީތަން އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލަމުން ބުނެލިއެވެ. އެވަގުތު އަޔާނާގެ ނޭވާ ކުރުވާން ފެށިއެވެ. އީތަން އަވަހަށް ޑޮކްޓަރަށް ގުޅިއެވެ. ނަމަވެސް ޑޮކްޓަރުންނަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް އަތާނާ އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކޮށްލިއެވެ. އެވަގުތު އީތަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހީވީ ދުނިޔެއަށް މޮޔަވެފައިވާ މީހެން ހެންނެވެ. ނަރުހުންނާއި ޑޮކްޓަރުންގެ ނަސޭހަތުން އީތަން ހަމައަކަށް އެޅުނެވެ. އަދި އޭނާއަށް އެފަދަ ފުރިހަމަ ލޯބީގެ ހަދިޔާއެއް ދިނުމަށް އެވީ ގުރުބާނީއަށް ޝުކުރުވެރި ވަމުން، އަޔާނާއަށް ވައުދުވިގޮތަށް ކަރުނަތައް ހިފަހައްޓައި ދިރިއުޅުމުދައި ކުރިއެރުމަށް ނިންމިއެވެ. ހަމަ އެކަނި އަޔާނާދެކެ ވީ ލޯތްބައްޓަކައެވެ. އޭނާގެ އެންމެ ފަހުނޭވާއާއި ހަމައަށްވެސް އޭނާ އަޔާނާދެކެ ލޯބިވާނެއެވެ. އަދި އެމީހުންގެ ދަރިފުޅަށް މަންމަނެތްކަމުގެ އިހްސާސް ވިޔަކަ ނުދޭނެއެވެ.