English Edition
Dhivehi Edition
އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ - ފޮޓޯ: އަޙްމަދު ޝުރާއު (އަވަސް)

ރާއްޖޭގައި ހިންގާ ސަރުކާރު، އަވަށު އަދި އަމިއްލަ ސްކޫލްތަކުގައި ތަޢުލީމު ޙާސިލްކުރާ ހުރިހާ ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އަންނަ ފެބްރުއަރީ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ކުރިން “މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް” (މީމިސް) އަށް އަދާހަމަކުރުމަށާއި، ހުރިހާ ދަރިވަރުންގެ މަޢުލޫމާތު މީމިސް މެދުވެރިކޮށް ބަލަހައްޓަމުން ގެންދިއުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ސާރކިއުލަރއެއްގައި ބުނެފައި ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ދަރިވަރުންނަށް ތަޢުލީމް ދިނުމަކީ އެ މިނިސްޓްރީ އާއި ސްކޫލްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ޤައުމީ ވެކްސިން ތާވަލަށް 2019 ވަނަ އަހަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގެނައި ބަދަލާއި ގުޅިގެން، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ކޮންމެ ގްރޭޑަކަށް އަލަށް އެންރޯލްކުރާ ކުދިންނާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ޤައުމީ ވެކްސިން ތާވަލުގައި ބަޔާންކޮށްފައިވާ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން ކަށަވަރުކޮށް ބެލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ، އެ ދަރިވަރެއްގެ މަޢުލޫމާތު ވަގުތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުމަށާއި، އެ ސެކްޝަން މެދުވެރިކޮށް އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގައި ބައިވެރިކޮށް ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށްވެސް އެ މިނިސްޓްރީ އިން ވަނީ އަންގައިފަ އެވެ.

ސްކޫލްތަކަށް ވައްދާ ކުދިން ވެކްސިން ތާވަލް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމާފައި މިވަނީ، ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިސަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

“މީގެ މައްސަލަޔަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ”، އެ ޓްވީޓްގައި ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެއީ ކޮން ސްކޫލެއްކަން ޑރ. ފައިސަލް ހާމަކުރައްވާފައެއް ނުވި ނަމަވެސް، އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސްކޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ފައިސަލް އިތުރަށް ވިދާޅުވީ މާލޭގައިވެސް އަދި އެހެން ރަށްރަށުގައިވެސް ވެކްސިން ނުޖަހާ ކުދިން ސްކޫލްތަކަށް “އަޑިއަޑިން” ވައްދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ފެތުރުމުން އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ވީހާވެސް އަވަހަކަށް އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބެލުމަށް، އެކަމާއި ގުޅޭގޮތުން ޑރ. ފައިސަލް އަށް އެނގިވަޑައިގެންފައިވާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަކީ ރަނގަޅު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޑރ. ފައިސަލް އެފަދަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖޭގައި ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައަޅިތާ ދޮޅު އަހަރު ފަހުން ރާއްޖެއިން މިފަހުން ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެގެން ކުއްޖަކަށް ފަރުވާ ދީފައެވެ. އަދި އޭގެ ފަހުންވެސް ހިމަބިއްސަށް ޕޮޒިޓިވް ވެގެން ކޭސްތަކެއް ރިޕޯޓުކުރެވިފައިވާއިރު، މިއީ ފަސޭހަކަމާއެކު ގައިންގަޔަށްވެސް އަރާ ބައްޔެކެވެ.